މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމް ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޯކް އެސޯސިއޭޓްސްއާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމް ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޯކް އެސޯސިއޭޓްސްއާއި ހަވާލުކޮށްފި

މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޮކް އެސޯސިއޭޓްސްއާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ، އިމާރާތުގެ ކުރެހުން ވީހާވެސް އަވަހަށް ނިންމާ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަމަށާއި، މި މަސައްކަތަކީ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެކަމަށާއި ވީހާވެސް އަވަހަށް މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރެއްވުމަށް އެ ކުންފުނިން މަސައްކަތް ކުރައްވާނެކަމަށެވެ.

މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުއަކީ ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫއުއެވެ. މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާލެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއިއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިއަދު އޮންލައިން