2024 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށާއި ސްމާރޓް މީޓަރ ޕްރޮޖެކްޓާއިއެކު ކަރަންޓް ބިލް ބޮޑުވެގެން ކަސްޓަމަރުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން، ފަހުމީ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރޭގައި ކުންފުނިން ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޙުސައިން ފަހުމީ ވިދާޅުވީ މުވައްޒަފުންގެ ނުތަނަވަސްކަން ފިލުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި 2023 ވަނަ އަހަރު ކުންފުންޏަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ނަމަވެސް، 2024 ވަނަ އަހަރު ފައިދާ ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރު ސްޓެލްކޯއަށް 120 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.
ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ރާއްޖޭގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.