ޢިބްރަތްތެރި ވާހަކަ: ސިކުނޑި ނުގޮއްވާ އުފަލުގަ އުޅެވޭނީ ފިރިމީހާ ގެއަށް ގެންނަ ޒުވާން ނޯކަރުންނަށް ފިރިމީހާ ދީފަ ދެވަނަ ދިރިއުޅުމެއް ފެށުންކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޢިބްރަތްތެރި ވާހަކަ: ސިކުނޑި ނުގޮއްވާ އުފަލުގަ އުޅެވޭނީ ފިރިމީހާ ގެއަށް ގެންނަ ޒުވާން ނޯކަރުންނަށް ފިރިމީހާ ދީފަ ދެވަނަ ދިރިއުޅުމެއް ފެށުންކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާއަކީ އޭނާގެ މައިންބަފައިންގެ ގާތުން ބޮޑު ގެއެއް ލިބިފައިހުރި މީހެކެވެ. އެގެ ކުނިކަހައި މޮޕްލައި ހިރަފުސްފޮޅައި ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ނަމަވެސް އަޅުގަނޑު އައީ އެމަސައްކަތްކުރަމުންނެވެ.  

މަސައްކަތުގެ ބުރަކަމުން ހަފްތާއަކު އެއް ދުވަހު ނަމަވެސް ގޭތެރެ ސާފުކޮށްލާނެ މީހަކު ހޯދަމާ ހިނގާށޭ ބުނީމާ ފިރިމީހާ ބުނީ އަޅުގަނޑު ކަންނެތްވީކަމަށެވެ. އެހެންބުނީމާ އެވާހަކަ އިތުރަކަށް ނުދައްކަމެވެ. ވީވަރަކުން މަސައްކަތްކުރެވޭތޯ ބެލީއެވެ.  

ދުވަސްކޮޅެއްފަހުން އަޅުގަނޑު ގާތު ބުނެވެސް ނުލައި ޒުވާން އަންހެންކުއްޖަކު ގެއަށް ގެނެސްފައި ބުނީ އެއީ ގޭތެރެ ކުނިކަހައި ފޮޅާ ސާފުކުރަން ގެނައި ކުއްޖެއްކަމަށެވެ. އެމަސައްކަތް ކުރަން ދެން އަޅުގަނޑަށް ނުޖެހޭނެ ކަމަށެވެ. އެހެންބުނުމުން އެއީ ތެދެއް ނޫންކަން ވިސްނުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އެއީ ތެދެއްކަމަށް ޤަބޫލުރިކަމަށް ހަދައިގެން މަޑުންހުރީއެވެ.

އެއީ ސަރުކާރު ބަންދު ދުވަހެކެވެ. އެކަމަކުވެސް ކުއްލިއަކަސް ކަމެއް ދިމާވެގެން ނުކުންނަން ބުނީމާ އޮފީހަށް ނުކުތީމެވެ. އޮފީހައި ކުރަންޖެހުނު ކަންކަން ކޮށްލާފައި ގެއަށް އާދެވުނުއިރު ފިރިމީހާ އަމިއްލައަށް ކުނިކަހައި މޮޕްލްނީއެވެ. އަނހެންކުއްޖާ ޓީވީބަލަން ސޯފާގައި އިނީއެވެ.  

އަޅުގަނޑު ކުއްލިއަކަށް ގެއަށް ވަންތަން ފެނުނީމާ ދެމީހުންވެސް ދިއައީ ސިއްސައިގެންނެވެ. ކަންބޮޑުވިކަމަކަށް ނުހަދަމެވެ. ވަންގޮތަށް ކޮޓަރިއަށް ދިއައީއެވެ. އިރުކޮޅަކުން ފިރިމީހާ އައިސް ބުނީ ގޯހެއް ހެދިއްޖެ ކަމަށާއި މާފަށް އެދޭކަމަށެވެ. ހެދުނު ގޯހަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ ގޭގައި ގެންގުޅޭނެ ނޯކަރަކު ގެއަށް ގެނެވުން ކަމަށެވެ.  

އަޅުގަނޑު ބުނީމެވެ. "ގެއަށް ގެނެސްގެން ތިއަ ގެންގުޅެނީ ނޯކަރަކުނަމަ އޭނާއަށް މުސާރަދީފައި އަދި އޭނާ ކުރަންޖެހޭ މަސައްކަތްކުރަން ކަލެއަށް ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އެކަނިމާއެކަނި މިގެ ސާފުކޮށް ބެލެހެއްޓިއިރަކު އަހަރެންނަށް އެހީތެރިއެއް ނުވަމު ނޫންހެއްޔެވެ؟ ކަލޭ ހީކުރީ ކަލޭގެ ރޭވުން އަހަރެންނަށް ނުއެނގޭކަމަށް ހެއްޔެވެ؟ އަހަރެން މަޑުން މިހުރީ އެއްވެސް ކަމެއް ނުއެނގިގެނެއް ނޫނެވެ. ކެތްތެރިވެލީއެވެ. މިގޭގައި ދެން ހުންނާކަށް އެއްވެސް ޝައުޤުވެރިކަމެއް މިހާރަކު ނެތެވެ. ނިންމާ ގޮތް ފަހުން ފެންނާނެއެވެ."  

އެހެންބުނެފައި ފޮށްޓަކަށް އެއްޗެތި އަޅައި ފޮށިހިފައިގެން ގެއިން ނުކުމެގެންދާން އުޅެންފެށުމުން ބުނީ އޭނާ މިފޮނުވާލަނީ ކަމަށާއި ނުގޮސް ގޭގައި މަޑުކުރުމަށެވެ. އަޅުގަނޑު ބުނީ ނުގޮސް މަޑުކުރިނަމަވެސް ކަލޭވާނީ ހަމަކަލެއަށް ކަމަށެވެ. ދުވަސްކޮޅަކު މަޑުންހުރެލާފައި އަނެއްކާވެސް ތިއަޒާތުގެ ކުޅިގަނޑެއް ކުޅޭނެ ކަމަށެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ މިހާރުން މިހާރަށް މިގެއިން ދިއުން ކަމަށެވެ.  

އެހެން ބުނެފައި ނުކުމެގެންގޮސް ވަރިވީއެވެ. އަދި ދެވަނަ ކައިވެނިވެސް ކުރީއެވެ. އެކައިވެނީގައި 2 އަހަރުވީތަނާ ކުރީގެ ފިރިމީހާ އާއި ބައްދަލުވިދުވަހަކު ވަރަށް ދެރަވެފައި ބުނީ ހޯދުނު ލޯބިވެރިޔާ އޭނާ ހެދީ ނޯކަރަކަށް ކަމަށެވެ. އެހެންވެ ކައިވެނިކުރުމަށްފަހުވެސް ކެތްނުކުރެވިގެން ވަރިކޮށްފައި ފޮނުވާލައިފިން ކަމަށެވެ. އެއިރު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާކަމަށެވެ. އަދި ވަރަށް ބޮޑަށް މާފަށްއެދޭ ކަމަށާއި އަލުން ގުޅެން ބޭނުންވާ ކަމަށެވެ.   

އަޅުގަނޑު ބުނީ މިހާރުގެ ފިރިމީހާ ކަލޭ ހޯދިފަދަ ނޯކަރުން ހޯދާނެކަމަށް ޤަބޫލުނުކުރެވޭކަމަށާއި އަދި ހޯދައިގެން ދެމީހުން ވަކިވާންޖެހުނަސް އަލުން އޭނާ އާއި ކައިވެނިނުކުރާނެ ކަމަށެވެ. މަސައްކަތްކުރާނީ އިތުރު ފިރިއަކު ހޯދަން ކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިނެ ގާތުގައި ބުނެލަން ބޭނުންވަނީ މިބާވަތުގެ ނޯކިރީން ހޯދާ ފިރިން ވަރަށް ގިނަވެއްޖެ ކަމަށާއި ފިރިން ގެއަށް ގެންނަ ނޯކިރީންނާއިމެދު ސަމާލުވެ ތިބުން ވަރަށް މުހިންމު ކަމަށެވެ. އެބާވަތުގެ ނޯކަރަކު ގެއަށް ވައްދައިފިނަމަ އެންމެ ރަނގަޅު ގޮތްކީ ނޯކަރަށް ފުރުޞަތުދީފައި އަވަހަށް ގެއިން ނުކުތުމެގެން ދިއުން ކަމަށެވެ.

 

- ޝަމްޝިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން