"މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ދަނީ ކާމިޔާބުވަމުން: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
"މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ދަނީ ކާމިޔާބުވަމުން: ޚާރިޖީ ވަޒީރު

ރައީސް މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ކާމިޔާބުވަމުންދާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ-52" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ މަޞްލަޙަތާއި ކުރިއެރުން އިސްކުރުމާއި، ވަކި ފަރާތަކަށް ބުރަނުވެ ޤައުމުތަކާއެކު ހަމަހަމަ ގުޅުން ބޭއްވުން ކަމަށެވެ. މީގެ އިތުރުން، ބޮޑެތި އަދި ކުދި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިފެހެއްޓުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައިތަކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ފަސްޓް ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެނީ އަވަށްޓެރި އަދި ވިޔަފާރީގެ ގުޅުން އޮންނަ ޤައުމުތަކާއެކު ގާތް ގުޅުން އުފެއްދުމަށް. އަދި ހަމައެހެންމެ، ބޭރުގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދަނީ ވަރަށް ބާރަށް،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވެ، ތަރައްޤީގެ ދުވެލި އަވަސްވަމުންދާ ކަމަށެވެ. "ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާކަން ފާހަގަކޮށްލަން. މިއީ މޯލްޑިވްސް ފަސްޓް ސިޔާސަތުގެ ސީދާ ނަތީޖާއެއް،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މި ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް ގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން