ޢިބްރަތްތެރި ވާހަކަ: ފެންނަ ކޮންމެ އަންހެނަކަށް ކަޅިއެޅުމަކީ ޙައްޤެއްކަމަށް ބުނަމުން އައި ފިރިއަކަށް ބުއްދިވެރިއަކުދިން ފުރިހަމަ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޢިބްރަތްތެރި ވާހަކަ: ފެންނަ ކޮންމެ އަންހެނަކަށް ކަޅިއެޅުމަކީ ޙައްޤެއްކަމަށް ބުނަމުން އައި ފިރިއަކަށް ބުއްދިވެރިއަކުދިން ފުރިހަމަ ޖަވާބު-

އަޅުގަނޑުމެންގެ ކައިވެންޏަށްފަހުގައިވެސް ދެމީހުން ދިއައީ ވަޒީފާއަދާކުރަމުންނެވެ. ފިރިމީހާގެ ވަޒީފާމަތިވީމާ ލިބޭ މުސާރަވެސް ބޮޑެވެ. އަޅުގަނޑަށް ލިބޭ މުސާރައިން އަޅުގަނޑުގެ ބޭނުން ފުއްދައި މައިންބަފައިންނަށްވެސް އެހީތެރިވެވެއެވެ. ވީމާ އަޅުގަނޑު ހުންނަނީ އަމިއްލައަށް ފުދިގެންނެވެ.  

ކޮންމެ ދުވަހަކުވެސް 3 ޖަހާއިރު އަޅުގަނޑަށް ގެއަށް ދެވެއެވެ. ގެއަށް ދެވުމާއިއެކު ކުޑައިރުކޮޅަކު އަރާމުކޮށްލަން އޮންނަމެވެ. ދެން ނުކުމެ ގޭގެ މަސައްކަތްތައް ފަށަމެވެ. ގޭތެރެ ސާފުކޮށް ފިރިމީހާ އަންނަންވާއިރަށް ކައްކައި ކާން ހަދަމެވެ.  

ކައިވެންޏަށް 2 އަހަރުވީއިރުވެސް ފިރިމީހާގެ ދުލުން ތަޢްރީފްބަހެއް ނުބުނެއެވެ. އަބަދުވެސް އިވެނީ ޝަކުވާގެ ބަސްތަކެވެ. މަލާމާތާއި ފުރައްސާރަކުރުމުގެ ބަސްތަކެވެ. އޭނާ ގެއަށް އަންނަންވާއިރަށް ރީތިވެގެން ނުހުންނަކަމުގެ ޝަކުވާތަކެވެ. އެހެންވެ މަސައްކަތް މަދުކޮށްލާފައި ރީތިވެގެން ހުރެއްޖެނަމަ ގޭގެ ކަންކަން ނުކޮށް ހުންނާތީ ޝަކުވާ ކުރެއެވެ. ވީމާ ރަނގަޅު ގޮތަކީ ކޮބައިކަމެއް ނުއެނގުނެވެ.   

ދެމީހުން އެކުގައި ބާޒާރަށް ދިއަނަމަވެސް ފެންނަ އަންހެނުންނަށް ކަޅިޖަހާނުލައި ބަލައެވެ. އެކަމަށް އެއްޗެއް ބުނެފިނަމަ ބުނަނީ ރީތި އަންހެނުން ފެނުނީމާ ބެލުމަކީ ކޮންމެ ފިރިހެނަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އެކަމާއި ދެކޮޅަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް، ރުޅިއަޔަސް އެކަން ކުރާނެ ކަމަށެވެ.  

އެއްދުވަހަކު ރެޑްވޭވްގެ ފިހާރައަކަށް ގޮސްއުޅުމުގެ ތެރޭގައި އެތަނުން ފެނުނު އަންހެނަކަށް ކަޅިޖަހާ ނުލައި ބަލަން ހުންނާތީ އެއްޗެއް ބުނުމުންވެސް ދިނީ ކުރިންވެސް ދޭ ޖަވާބުތަކެވެ. އެއަޑު އަންހެންމީހާއަށް ރަނގަޅަށް އިވޭނެއެވެ. އަޅުގަނޑަށް ރޮވުނުތަނާ އޭނާ ބަލައިވެސްލިއެވެ. 

އެދުވަހު އެނބުރި ގެއަށް އައިސް އަޅުގަނޑު ނިންމީ ދެމީހުން ވަކިވާށެވެ. އެކަމަށް ކުރަންޖެހޭ ކަންކަން ކުރަމުންދަނިކޮށް އެދުވަހު ބައްދަލުވި އަންހެންމީހާގެ މަޢްލޫމާތު ކޮންމެވެސް ގޮތަކުން ފިރިމީހާ ހޯދައި އޭނާއަށް ގުޅަން ފަށައިފިއެވެ. ދެމީހުން ވާހަކަދައްކާކަން އަޅުގަނޑަށް އެނގެއެވެ. ނމަވެސް އެއްޗެއް ނުބުނަމެވެ. އެއީ ވަރިވާން ނިންމައިގެން ހުރީމައެވެ.

ފިރިމީހާ ގާތުގައި ރީތިކޮށް ހުރިހާ ވާހަކަތަކެއް ބުނެފައި އޭނާއަށް ހެޔޮދުޢާކޮށްފައި އަޅުގަނޑު ނުކުމެގެންދިއައީއެވެ. ކޯޓަށް ގޮސްގެން ވަރިވެސްވީމެވެ. ދިރިއުޅެމުން ދިއައީ މަންމަމެންގެ ގޭގައެވެ. އެގޭގައި ކޮންމެ ދަރިއަކަށް ކޮޓަރިއެއް ނުހުންނާތީ ކޮއްކޮއަކާއި އެއްކޮޓަރީގައި އުޅެންޖެހުނު ނަމަވެސް ޝުކުރުކޮށްލައިގެން އިނީއެވެ.  

އެހެން އުޅޭތާ އަހަރެއްހައިދުވަސް ފަހުން ބައްދަލުވި ފިރިހެނަކާއި ކައިވެނިކުރީމެވެ. ކައިވެނިކުރުމަށްފަހު އޭނާގެ ހުރި 3 ކޮޓަރީގެ ފްލެޓަކަށް ބަދަލުވީމެވެ. އޭނާވީ ވަރަށް ރަނގަޅު މީހަކަށެވެ. ގޭތެރޭގެ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއެވެ. ބުރައަކަށްނުވެ ކެއްކޭނެ ތަކެތި ގެއަށް ވައްދައި ކޮންމެ ދުވަހަކު އެހައި ބުރަކޮށް ކެއްކުމުގެ މަސައްކަތް ކުރަންނުޖެހޭނެ ގޮތަށް އަޅުގަނޑަށް މަސައްކަތް ލުއިކޮށްދިނެވެ.   

އެގޮތަށް ކަންކަން ކޮށްދޭތީ ފިރިމީހާ ގެއަށް އަންނަންވާއިރަށް ރީތިވެގެން ހުރުމުގެ ފުރުޞަތު ލިބެންފެށިއެވެ. އެހެންވެ ފިރިމީހާގެ އިންތިޒާރީގައި އަޅުގަނޑު އިންނަނީ ނަލަހެދިގެންނެވެ. ސެންޓުވެސް ޖަހައިގެންނެވެ.

ފިރިމީހާގެ އިންތިޒާރީގައި އިންދާ އެއްދުވަހަކު ދޮރުގެ ރަނގަބީލި ޖެހުމުން ހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. އަޅުގަނޑު ފެނުމާއިއެކު އަޅުގަނޑުގެ ރީތިކަމަށް ތައްރީފްކުރަން ފަށައިފިއެވެ. ގޭތެރޭގެ އިންތިޒާމުތައް ފުރިހަމަކަމުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. ވާހަކަދައްކަމުން ގޮސް ބުންޏެވެ. "ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ. އަހަރެންނަށް ކަލެއާއިމެދު ޢަމަލުކުރެވުނީ ވަރަށް ގޯސްކޮށްކަން ވިސްނިއްޖެއެވެ. އެހެންވެ މިއައީ އަލުން ގުޅެންވެގެންނެވެ."  

އެވަޤުތު ފިރިމީހާ ގެއަށް އައުމުން ދެމީހުން ތަޢާރަފްކޮށްދިނީމެވެ. ބުނީމެވެ. "މިއީ އެކުގައި 3 އަހަރެއްހައި ދުވަހު އެއްގެއެއްގައި އުޅުނު އަނބިމީހާއެވެ. އެހެން މީހެއް ނޫނެވެ. ސިފަވެސް ވަކިން ރީއްޗެއް ނުވެއެވެ. ތިއަފެނުނީ އަގުވަޒަންކުރަން އެނގުމާއި ނުއެނގުމުގެ ހުރި ތަފާތެވެ. ތިއަ ދެފިރިންގެ ހުރި ތަފާތެވެ. މިހާރުގެ ފިރިމީހާ އަހަރެންގެ އަގު ވަޒަންކުރެއެވެ. އަންނަންވާއިރަށް ރީތިވެގެން ހުންނަން ބާރުއަޅަނީ ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީފައެވެ. ވީމާ ރީތިވެގެން ހުންނަން ފުރުޞަތު ލިބެނީއެވެ.  

މިހާރުގެ ފިރިމީހާއަކީ އަހަރެން ނޫން އަންހެނަކަށް ބަލަން ބޭނުންވާ މީހެއް ނޫނެވެ. ކައިވެނިކުރިއިރު ކިޔައިދިން ޚުޠުބާއަށް ޢަމަލުކުރާ ފިރިއެކެވެ. ވީމާ ތިއަބާވަތުގެ ވާހަކަ ދައްކަން ދެން މިގެއަށް ނުއަންނާށެވެ."  

އެކުވެރިއަކު ފަހުން ބުނިގޮތުގައި ކުރީގެ ފިރިމީހާ އަޅައިގަނެ ނުނެއްޓެވިގެން އުޅުނު އަންހެން މީހާހޯދަން އެތައްވަރަކަށް މަސައްކަތްކުރުމުންވެސް ދިން ޖަވާބަކީ އެދުވަހު އަޅުގަނޑަށް ބުނި ބަސްތައް އަޑުއިވުނު ކަމަށާއި އެވިސްނުމުގައި ހުރި މީހަކާއި ކައިވެނިކޮށްގެން އެއްވެސް އަންހެނަކަށް ދިރިނުއުޅެވޭނެ ކަމަށް ކަމަށެވެ. އަދި މީހުންގެ ކުރިމަތީގައި އަނބިމީހާގެ އަގުވައްޓައިލާ ފިރިން، އަނބިންނަށް ރަޙުމް ނުކުރާނެ ކަމަށެވެ.  

ކޮންމެއަކަސް އެކަންކަން ވީގޮތް އަޅުގަނޑަކަށް އެހައި މުހިންމެއް ނޫނެވެ. އަޅުގަނޑަށް މުހިންމީ އަޅުގަނޑުގެ ޙަޔާތެވެ. ހަމަގައިމުވެސް އަޅުގަނޑު ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ހިތްހަމަޖެހިލައިގެން ހުރެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އުޚުތުންނަށް ބުނެލަން ބޭނުންވަނީ އަނބިމީހާގެ އަގުވަޒަން ނުކުރާ ފިރިއަކާއިއެކު ދިރިއުޅެން މަސައްކަތްނުކުރާށެވެ. އިޞްލާޙްކުރަން މަސައްކަތްކުރުމުން އިޞްލާޙް ނުވެއްޖެނަމަ އަވަހަށް ވަކިވާށެވެ. އަނބިން ކޮށްދޭ ޚިދުމަތުގެ އަގު ވަޒަން ނުކުރާ ފިރިންގެ ކިބައިން ލިބޭ އަނިޔާތަކަށް ކެތްކުރަންވެއްޖެނަމަ ވާނީ ހަމައެކަނި ނަފްސާނީއެއްވެސް ނޫނެވެ. ސިކުނޑި ގޮވައި މޮޔަވުންވެސް އޮތީ ހަމަ ދާދިގާތުގައެވެ.

 

- ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން