މާލެ އަދި ވިލިމާލޭ މަގުތަކުގެ ފީސިބިލިޓީ ދިރާސާއާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާލެ އަދި ވިލިމާލޭ މަގުތަކުގެ ފީސިބިލިޓީ ދިރާސާއާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވައިފި

މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފީސިބިލިޓީ ދިރާސާއާ ގުޅޭގޮތުން މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލާއެކު ވަނީ މަޝްރޫއުގައި ހިމެނޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައެވެ. މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތާއަމް މުޙައްމަދު އިސްކޮށް ހުންނަވައި ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޡީމްގެ އިތުރުން މޭޔަރ އާދަމް ޢާޒިމް، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އަދި ޗައިނާ ސަރުކާރުން ޢައްޔަންކުރައްވާފައިވާ މާހިރުންގެ ޓީމާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްދާ ފީސިބިލިޓީ ދިރާސާ މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ރޭވިގެންދާނެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ވެރިރަށް މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

 

ހަބަރު: ސަރުކާރު

 

 

މިއަދު އޮންލައިން