މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ސަރުކާރާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް އެމްޑީޕީން ފަތުރަމުންދާ ދަނޑިވަޅެއްގައި ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ޚަރަދު އިތުރުވެފައިވަނީ އެންމެ 2.5 އިންސައްތައަށް ކަމަށެވެ. އަދި ބަޖެޓު ޑެފިސިޓް 378 މިލިއަން ރުފިޔާއިން ކުޑަކުރެވި، 3.6 އިންސައްތަ ދަށްވެފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ސަރުކާރުން ހުރިހާ އާރްޓީއައި ރިކުއެސްޓްތަކަށް ޖަވާބުދީފައިވާ ކަމަށާއި، ދައުލަތުގެ ކުންފުނިތަކުން މަޢުލޫމާތު ހާމަކުރަން ފަށާފައިވާ ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތާއި ކެބިނެޓް ނިންމުންތައް އާންމުކުރަން ފަށާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ އެމްޑީޕީގެ ޢަމަލުތައް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެމްޑީޕީން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.