ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙެއް ގެނައުމަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި، ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިންމު ބަދަލެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ފަހުމީ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙެއް ހުށަހެޅުއްވިކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
"މިއީ އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތަޢުރީފު ޙައްޤު ފިޔަވަޅެއް،" ފަހުމީ ވިދާޅުވިއެވެ.
އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޤާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާޙަށް އިސްކަންދެއްވައި، މި އިސްލާޙު އަވަހަށް ފާސްކުރުމަށް ހުރިހާ މަޖިލިސް މެމްބަރުންނަށް ފަހުމީ ގޮވާލެއްވިއެވެ.
ފަހުމީ ވިދާޅުވީ އިންތިޚާބުވެފައިވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަޚްލާޤާއި ޚިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މި ހުށަހަޅާފައިވާ އިސްލާޙުން މި ގޮންޖެހުންތަކަށް ސީދާ ޙައްލު ހޯދައިދޭނެ ކަމަށް ވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. ދެފުށް ފެންނަ، ޒިންމާދާރު ޤާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤާނޫނުތައް ނެގެހެއްޓުމުގެ ފުރުޞަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެ ކަމެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
"މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުޞަތެއް،" ފަހުމީ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާޙަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުޞަތުގެ ބޭނުން ހިފަންޖެހޭ" ކަމަށެވެ.
ފަހުމީ ފާހަގަކުރެއްވި ގޮތުގައި، އެހެން ޤައުމުތަކުގައި ހަދާފައިވާ މިފަދަ ޤާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހަމަކޮށް ދަނީ ފެންނަމުންނެވެ.
މި އިސްލާހު ގެނައުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވަޢުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާޙައުލު ހަމަޖައްސައިދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.