އެއީ އަޅުގަނޑުމެންގެ ކައިވެންޏަށް 3 ވަނަ އަހަރެވެ. ދެމަފިރިންވެސް ވަޒީފާ އަދާކުރަމުއެވެ. ދިރިއުޅެމުން ދިއައީ އަޅުގަނޑުގެ ބައްޕަގެ ގެއިން ލިބިފައިވާ ފްލެޓެއްގައެވެ. ދިރިއުޅުމަށް މައްސަލަތައް ކުރިމަތިވާންފެށީ އޮފީހުގެ ސިޑިއަކުން އަރަނިކޮށް ފައިކައްސާލައިގެން ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުން ހިނގައި ނުއުޅެވުމުންނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުމުންނެވެ.
އެޙާލަތުގައިވެސް އޮފީހުން ވަރަށް ރަނގަޅަށް ކަންތައްކޮށްދިނެވެ. ގޭގައި އިނދެގެން މަސައްކަތްކުރެވޭނެ ގޮތް ހަދައިދިނެވެ. އެހެންކަމުން ލިބޭ މުސާރައަށް ބަދަލެއް ނައިސް، ހުއްޓުމެއް ނެތި ލިބެމުން އައެވެ. ފަޔަށް ރާއްޖެއިން ދެވޭނެ އިތުރު ފަރުވާއެއް އެވަޤުތު ނެތުމުން ރާއްޖެއިން ބޭރަށް ފޮނުވައިދޭންވެސް އޮފީހުން މަސައްކަތްކުރިއެވެ. އެކަމަށް ހުރަހަކަށްވީ އަޅުގަނޑު އިނީ ބަލިވެކަން އެނގުމެވެ. ވިހައި ގަދަވަންދެން މަޑުކުރަންޖެހުމުންނެވެ.
ބަނޑަށް 7 މަހުގައި ފިރިމީހާ އަޅުގަނޑުދެކެ ފޫހިވެގެން އަތްއަތަށް އެނބުރެން ފަށައިފިއެވެ. އޭނާއަށް ވިސްނިފައި އޮތީ އަޅުގަނޑަށް ދެން ނުހިނގޭނެ ކަމަށެވެ. މުޅި ޢުމުރަށްވެސް އިންނަން ޖެހޭނީ ފުރުޅުލީ ގޮނޑީގައި ކަމަށެވެ. އެހެންވެ ބިރުކަނޑާލާފައި އޭނާގެ ލޯބިވެރިޔާ ގެއަށް ގެނައެވެ. އަދި އެއީ ބޮޑުދައިތަގެ ދަރިފުޅު ކަމަށާއި ކުރިމަތިވި އޭނާގެ އަމިއްލަ ސަބަބުތަކާއިހުރެ ގޭގައި ކުޑަދުވަސްކޮޅަކަށް ބަހައްޓާލަން ބޭނުންވާކަމަށް ބުންޏެވެ. އެއިރުން ވިހެއުމުގެ ކަންކަމުގައިވެސް އެހީތެރިވެދޭނެ އަންހެނަކު ލިބުނީ ކަމަށްވެސް ބުންޏެވެ.
އަޅުގަނޑު ބުނީ ތިއަ ކޮއްކޮއަކީ ކާކުކަން އެނގޭތާ ކިތަންމެ ދުވަހެއް ކަމަށެވެ. އަޅުގަނޑު އުޅޭނެ ޙާލަކަށް ބަލާނެ ކަމެއް ނެތްކަމަށާއި ވަރިކޮށްފައި އަވަހަށް 2 މީހުން އެކުގައި ގެއިން ދިއުމަށް އެދުނީމެވެ. އެކަން އޭނާއަށްވީ ލިބުނު އުފަލަކަށެވެ. ވަރިކޮށްފައި ދެމީހުން އެކުގައި ހިނގައްޖެއެވެ.
އެކަނިވުމުން އަޅުގަނޑުގެ ކޮއްކޮއަކަށް ގުޅައި ގޭގައި ހުރެލުމަށް ގެނައިމެވެ. ވިހައިގަދަވެ 3 މަސްވީތަނާ އޭޑީކޭ ހޮސްޕިޓަލަށް ގެނައި ބޭރުގެ ޓީމަކުން އަޅުގަނޑުގެ އޮޕަރޭޝަންކުރިއެވެ. އޮޕަރޭޝަން ކާމިޔާބުވިއެވެ. މަހެއްހައި ދުވަސްތެރޭގައި ހިނގައި އުޅެލެވޭވަރުވިއެވެ.
އަނެއްކާވެސް އޮފީހަށް ނުކުންނަންފެށީމެވެ. ނަމަވެސް ވަރަށް ކުޑަވަޤުތުކޮޅަކަށެވެ. ދަރިފުޅަށް ގާތުންދޭންޖެހޭތީ އޮފީހުން ލުއިކޮށްދިނުމުންނެވެ. އެގޮތަށް އުޅެންފެށިތަނާ އޮފީހުގައި އެކުގައި މަސައްކަތްކުރާ އެކުވެރިއަކު އަޅުގަނޑާއި ގުޅެން ބޭނުންވެގެން އެދުމުން ދެމީޙުންގެ ކަންކަމަށް މަޝްވަރާކޮށްފައި ކައިވެނިކުރީއެވެ.
އެކައިވެނީގައިވެސް ފުރަތަމަ ދަރިފުޅަށް ބަލިވެއިނީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ. އެއިރު ބަނޑަށް 2 މަހެވެ. ބަލާލުމަކުން ބަލިވެއިންކަން ނުވެސް އެނގެއެވެ. އެއްދުވަހަކު ކުރީގެ ފިރިމީހާ ގެއަށް އައިސް އަޅުގަނޑާއި ބައްދަލުކުރިއެވެ. ބުނީ އަޅުގަނޑު ޙާލުގައިނ ޖެހުނު ދުވަހު ބޭވަފާތެރިވެ ދޫކޮށްލާފައި ދެވުނުކަން އެއީ ކުރެވުނު ވަރަށް ބޮޑުކުށެއްކަން މިހާރު ވިސްނިއްޖެކަމަށެވެ. ގުޅެވުނު އަންހެންކުއްޖާވީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ކުއްޖަކަށް ކަމަށެވެ. އަބަދުހެން އޮންނަނީ އެކުވެރިންގެ ކޮފީތަކަށް ދާންޖެހިފައި ކަމަށެވެ. އަދި ބޭވަފާތެރިވާކަން އެނގުމުން ވަކިވީކަމަށެވެ. އެހެންވެ މިއައީ މާފަށް އެދި އަލުން ދެމީހުން ގުޅުމުގެ ބޭނުމުގައި ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "ވަފާތެރި އަނބިމީހާ ޙާލުގައި ޖެހުމުން ބޭވަފާތެރިވެގެން ހޯދާ ލޯބިވެރިޔާ ބޭވަފާތެރިވުމުން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ދެން އަލުން ގުޅުމުގެ ވާހަކަ ނުދައްކާށެވެ. ކަލެއާއި ކަލޭގެ މުޅި ޢާއިލާއެކުވިޔަސް ނުލިބޭނެވަރުގެ ހެޔޮ، އަހަރެންނާއި އަހަރެންގެ ދަރިފުޅުދެކެ ލޯބިވާ ފިރިއަކު ވަނީ ލިބިފައެވެ. ކަލޭ ކަހަލަ ފިރިންނަކީ އިޞްލާޙްވާނެ ބައެއް ނޫނެވެ. އަނބިމީހާ ނިކަމެތިހާލެއްގައި ޖެހޭ ދުވަހު ބާކީކޮށް އެއްލައިލާ ފިރިއަކަށް ކުރެވޭނީ ކޮން އިތުބާރެއް ހެއްޔެވެ؟ މާދަމާވެސް ބަލިވާއިރަށް ބޮޑުދައިތަގެ ދަރިއަކު ހޯދާނެ ނޫންހެއްޔެވެ؟"
އެހިސާބަށް ބުނެވުނުތަނާ ފިރިމީހާ އައުމުން ބުނީމެވެ. "އަހަރެން ހޯދަން ދެން ނުއަންނާށެވެ. އަހުރެންގެ އަތުގައި ކަލޭގެވެސް ދަރިއަކު އެބައޮތެވެ. ދަރިފުޅާއި ބައްދަލުކުރަން ބޭނުންވެއްޖެނަމަ ފިރިމީހާއަށް ގުޅައިގެން އެކަން ކުރިއަށް ގެންދާށެވެ. އެކަމަށްވެސް އަހަރެންނަށް ގުޅައިގެންނުވާނެއެވެ."
އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް 13 އަހަރުވެއްޖެއެވެ. ލޯބިއޮތީ ހަމަ އެންމެ ޅަފަތުގައެވެ. ސާފު ހުދުކާފޫރުފަދައިންނެވެ. އެހައި ސާފުކޮށެވެ. ބިއްލޫރިހައި އޮމާނެވެ. އެންމެ ކޫރުމެއްވެސް ނެތެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިހާރު ގިނައީ އަނބިމީހާއަށް ކިރިޔާ ޙާލަތެއް މެދުވެރިވިނަމަވެސް، އެއްވެސް ކަމެއް މެދުވެރިނުވި ނަމަވެސް މިބާވަތުގެ ބޮޑުދައިތަގެ ދަރިން ގެންގުޅޭ ފިރިންނެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްގައި އުޅެންޖެހިފައިވީނަމަވެސް އެބާވަތުގެ ފިރިން ގެއަށް ގެންނަ ބޮޑުދައިތަގެ ދަރިން ގެއަށް ނުވައްދާށެވެ. ވައްދައިފިނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.
ރޮއި އާދޭސްކުރަންވީ އަނިޔާވެރި ފިރިންނަކަށް ނޫނެވެ. އަހަރެމެންނަށް ހުރިހާ ކަމެއް ފުއްދަވައިދެއްވަވާ ﷲ އަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ބަލިވުމުން ވަޒީފާއިން ވަކިނުކޮށް މުސާރަލިބުނީވެސް، އަޅުގަނޑުގެ ފައި އެހާފަސޭހައިން ރަނގަޅުވީވެސް އަދި ކައިވެނިކުރަން މިހައި ރަނގަޅު ފިރިއަކު ލިބުނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް މަސައްކަތްކުރާތީއެވެ. ތިއަބޭފުޅުންވެސް ނިކަން ތަޖުރިބާ ކޮށްލަބައްލަޥާށެވެ!
- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް