މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ 25 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މަސްވެރިކަމާބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަޝްރޫޢަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށްވާ ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާ ގުޅިފައިވާ މަސައްކަތެއްކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި މާސްޓަރ ޕްލޭނުގައި މަސްވެރި ސިނާއަތުގެ ތަސައްވުރާއި އަމާޒުތައް ކަނޑައެޅުމާއެކު، ކަނޑުގެ ވަސީލަތްތަކުން އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ ލަނޑުދަނޑިތައް ހިމެނޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައް ތަރައްޤީކޮށް، ކަނޑުގެ މުއްސަނދިކަމުން އިތުރު މަންފާ ހޯދުމަށް އަމާޒުކޮށްފައިވާ ދުރުރާސްތާގެ ޕްލޭނެކެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ވޯލްޑް ބޭންކުން ފައިސާގެ އެހީ ލިބޭނެ ކަމަށާއި މި އެހީގެ ސަބަބުން ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަވަސްކޮށް، ފުރިހަމަކަމާއެކު ކުރިއަށް ގެންދެވޭނެކަމަށެވެ.
މި މާސްޓަރ ޕްލޭނަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ހަކަތައެއް ގެނެސްދޭނެ މުހިންމު މަސައްކަތެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ދެކެއެވެ. އަދި މި ޕްލޭނުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރުވެ، ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށް އުންމީދުކުރެވެއެވެ.