ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިޖްތިމާޢީ ބޮޑެތި މައްސަލަތައް ދަނީ ހައްލުކުރަމުން: ވަޒީރު ޢަލީ އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިޖްތިމާޢީ ބޮޑެތި މައްސަލަތައް ދަނީ ހައްލުކުރަމުން: ވަޒީރު ޢަލީ އިޙްސާން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލްފާޟިލް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެތި، ގޭންގު ކުށްތައް، އަދި ޤަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަތަކަށް އަމާޒުކޮށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދާޚިލީ ސަލާމަތާ ގުޅޭ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ސަބަބުން މި ދާއިރާގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަރުދަނާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

"ގޭންގު ކުށްތަކާއި ސައިބަރ ކްރައިމް ހުއްޓުވުމަށް ފުލުހުންގެ މަސައްކަތްތައް ވަނީ ފުޅާކުރެވިފައި. މީގެ އިތުރުން، މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޤާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަލީ އިޙްސާންގެ މި ބަސްފުޅުތަކުން ސާފުވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ދިމާވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް ރާވައި ހިންގަމުންދާކަން އެނގެއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން