ދައުލަތުގެ މާލީ ނިޒާމު ރިފޯމްކުރުމަކީ ކުރީގެ ސަރުކާރުތަކަށް ކުރަން ނުކެރުނު މަސައްކަތެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ މިހާތަނަށް ނިންމި އެންމެ މުހިންމު ނިންމުމެވެ. އަދި ޓާގެޓް ސަބްސިޑީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ ގޮތް ކަމަށް ފާހަގަކުރެއްވިއެވެ.
އާސަންދައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ބަލްކުކޮށް ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ޓީޖީއެސްޓީ 1% ބޮޑުކުރުމުން އަންނަ އަހަރު ދައުލަތަށް 200 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދަރަނި ހައްލުކުރު ހައްލުކުރުމަށާއި ދައުލަތަށް ލިބެންހުރި ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލެވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވަޒީރުގެ މި ބަސްފުޅުތަކުން ސަރުކާރުން މާލީ ނިޒާމު ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.