ވޭޕް ޝިޕްމަންޓުގައި މަސްތުވާތަކެތި ހުރިކަމަށް ދެއްކި ފުރަތަމަ ޓެސްޓް ނަތީޖާ ރަނގަޅު ނޫންކަން ސާބިތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވޭޕް ޝިޕްމަންޓުގައި މަސްތުވާތަކެތި ހުރިކަމަށް ދެއްކި ފުރަތަމަ ޓެސްޓް ނަތީޖާ ރަނގަޅު ނޫންކަން ސާބިތުވެއްޖެ

ރާއްޖެއަށް އެތެރެކުރި ވޭޕް ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ފުރަތަމަ ހެދުނު ޓެސްޓުން ދެއްކި ނަމަވެސް، ފަހުން ހެދުނު ޓެސްޓުތަކުން އެއީ ރަނގަޅު ނޫން ނަތީޖާއެއްކަން ސާބިތުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.

ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި، ޝައްކުކުރެވޭ ތަކެތި ރެޕިޑް ޓެސްޓްކޮށް، ޕޮޒިޓިވްވާނަމަ އިތުރު ތަޙްޤީޤަށް ފޮނުވާ ކަމަށާއި، މިފަހަރު ވެސް އެގޮތަށް ޢަމަލުކުރެވުނު ކަމަށެވެ. ނަމަވެސް ފަހުން ހެދުނު ޓެސްޓުތަކުން ދެއްކީ ފުރަތަމަ ޓެސްޓުގެ ނަތީޖާ ރަނގަޅު ނޫންކަމެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާ ގުޅޭގޮތުން ބޮޑެތި ބަދަލުތަކެއް ގެނެވެމުންދާ ދަނޑިވަޅެއްގައެވެ. ވޭޕްގެ ސަބަބުން ސްކޫލް ކުދިންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރާތީ، މުޖުތަމަޢުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރެވެއެވެ.

މި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، މާރިޗު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ. އަދި ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ޤާނޫނަށް އިސްލާޙު ގެނެވިފައިވެއެވެ.

މި ނިންމުމަށް ގިނަ ފަރާތްތަކުން މަރުޙަބާ ކިޔާފައިވާއިރު، ޞިއްޙީ ދާއިރާގެ ފަރާތްތަކުންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކުން މިއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން