އޭނާއަކީ އޮފީހުގައި އާދައިގެ ވަޒީފާއެއް އަދާކުރާ ކުއްޖެވެ. ނަމަވެސް އާދައާ ޚިލާފަށް ރީތި ކުއްޖެކެވެ. އެހެންވެ ހުރިހާ ފިރިހެނުންވެސް މަސައްކަތްކުރަމުން ދިއައީ ކޮންމެވެސް ގޮތަކުން އޭނާ އާއި ކައިރިވުމަށެވެ. ގާތް ގުޅުމެއް އުފެއްދުމަށެވެ.
އޮފީހުގެ ބޮސްވެސް ދިއައީ އެކަމަށް މަސައްކަތްކުރަމުންނެވެ. ފުރުޞަތެއް ހޯދައިގެން ބޮސް އޭނާގެ ގެއަށް ދިއައެވެ. މަރުޙަބާ ކިޔާފައި ކުއްލި ގޮތަކަށް ބޮސް ގެއަށް އައި ސަބަބާއިމެދު ސުވާލުކުރުމުން ބުނީ ވާހަކަދައްކާލަން ބޭނުން ކަމަށެވެ.
ބޮސްބުނީ އޭނާގެ އަންހެނުންނަކީ ރަނގަޅު އަންހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ސިފަ ހުތުރުކަމުން އޭނާ ފަދަ ތަނަވަސް މީހަކާއިއެކު ބޭރަށް ގެންގޮސް އަނބިމީހާގެ ގޮތުގައި މީހުންނަށް ދައްކަން ލަދުގަންނަކަމަށެވެ. އެހެންވެ ބޭނުންވަނީ އޭނާ އާއި ގުޅެން ކަމަށެވެ.
އަންހެންމީހާ ބުނީ އޭނާ ހުރީ ކައިވެނިކޮށްގެން ކަމަށެވެ. އަދި ވަރިވާން ޤަޞްދުނުކުރާ ކަމަށެވެ. ބޮސްބުނީ އޭނާ އާއި ކައިވެނިކުރުމުން މާ އުފލުގައި ތަނަވަސްކަމުގައި އުޅެވޭނެ ކަމަށެވެ. އަދި ވަރިވެގެން ކައިވެނިކުރަން ބޭނުންނުވާނަމަ އެކުގައި ތަންތަނަށް ގެންދެވޭނެ ފެންވަރުގެ ވަޒީފާއަކަށް ވަޒީފާ މަތިކޮށްދީފާނެ ކަމަށެވެ.
އެވަގުތު ވިސްނާލުމަށްފަހު އަނބިމީހާ ބުންޏެވެ. "ބުނަންހެއްޔެވެ؟ އެއިރުން އެވެވެނީ ފިރިމީހާއަށް ޚިޔާނާތްތެރިއެވެ. އަހަރެންނަކީ ރީތި އަންހެނެއް ނަމަވެސް ކޮޅަށް މިހުރެވެނީ ވަރަށް ގިނަ ބޭސްތައްކައިގެންނެވެ. ގިނަ ރޭރޭ ބޭސްތައް ކެއުމުން ވަރަށް އަވަހަށް ނިދެއެވެ. ފިރިމީހާއަށް ޖެހެނީ އެކަނި އޮވެގެން ނިދާށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ފިރިމީހާ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. ކައިވެނީގައި 5 ފަހަރުވެ އެއިގެ ތެރެއިން 3 އަހަރު އެފަދަ ޙާލުގައި އުޅުމުންވެސް ދެމީހުންގެ ލޯތްބަށް އެއްވެސް ބަދަލެއް ނައުދެއެވެ. ވީމާ އެފަދަ ރަނގަޅު ފިރިއެއްގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ."
ބޮސްބުނީ އޭނާގެ ވާހަކަތައް އަޑުއިވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ. އަދި ޙަޤީޤީ ލޯބީގެ އަގުވެސް ވަޒަންކުރެވިއްޖެ ކަމަށެވެ. އެހެންކަމުން ދެމީހުންނަށް ނުގުޅެވުނު ނަމަވެސް އޭނާއަށް ވަޒީފާކުރިއެރުންދޭނެ ކަމަށެވެ.
ބޮސްބުނި ގޮތަށް އޭނާއަށް ވަޒީފާގެ ކުރިއެރުން ދިނެވެ. އެކުގައި ތަންތަނަށްވެސް ގެންދެއެވެ. ނަމަވެސް ހަމައެކަނި މުވައްޒިފެއްގެ ގޮތުންނެވެ. އިތުރު އެއްވެސް ގުޅުމެއް ނުބާއްވައެވެ.
މިއީ އަޅުގަނޑުގެ ދިރިއުޅުމާއިވެސް ވަރަށް ގުޅުންހުރި ވާހަކައަކަށްވުމުން އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. މިފަދަ ގޮތްތަކެއް މެދުވެރިވުމުން އެންމެފަހުން އަޅުގަނޑަށް ޖެހުނީ ވަޒީފާ ދޫކޮށްލާށެވެ. އެއީ ބޮސް ބޭނުންވި ގޮތަށް ދީލައިނުލީތީއެވެ. ވަޒީފާއަށްވުރެ އަޅުގަނޑު އިސްކަންދިނީ ފިރިމީހާއަށެވެ.
ވަޒީފާއިން ވަކިވިނަމަވެސް ގޭގައި އިނދެގެން އަޅުގަނޑު މަސައްކަތްކުރަމެވެ. ލިބޭ އާމްދަނީވެސް މަދެއްނޫނެވެ. ވީއިތުރެވެ. ވީމާ ވަޒީފާ ދޫކޮށްލި ނަމަވެސް ލިބުނު އެއްވެސް ދެރައެއް ނެތެވެ. ވީރަނގަޅެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ގިނަ ފައިސާ ލިބެން އޮތަސް ތެދުވެރި ވަފާތެރި އޯގާތެރި ބައިވެރިއަކަށް މަކަރުނުހަދާށެވެ. އެފަދަ މީހަކާއި ވަކިނުވާށެވެ. ތެެދުވެރިވާންވީ ހަމައެކަނި ބައިވެރިޔާއަކަށް ނޫނެވެ. ﷲ އަށް ތެދުވެރިވީމާ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ.
- ޢާބިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް