ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައިވާ މަސްފެންގަނޑު މަރާމާތުކޮށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 46ސ
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައިވާ މަސްފެންގަނޑު މަރާމާތުކޮށް ނިންމައިފި

ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކޮށް ނިންމުމަށްފަހު މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ފަށައިގަނެވުނު މަސައްކަތެކެވެ.

މި މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވުނު ހަފްލާގައި، މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.



މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީގެ އިސްނެންގެވުމާއެކު ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާ ރީތިކޮށް އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން، އެތަނުގެ ރީތިކަން ދެކި ހިތްހަމަޖެހުން ލިބިގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާ ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތްކުރާ މި ކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތާރީޚާއި ސަގާފަތާ ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދުކަމަށްވެސް ވިދާޅުވިއެވެ.މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި، އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.



އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައިވާ މަސްފެންގަނޑަކީ މާލޭގެ މަޝްހޫރު ލޭންޑްމާކެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ. މި މަސްފެންގަނޑު މަރާމާތުކޮށް އައު ސިފައެއްގައި ހުޅުވާލުމާއެކު، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ސްޓެލްކޯއިން މި މަސައްކަތް ކުރިއަށް ގެންދިޔައީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މިފަދަ މުހިންމު ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ޤައުމީ ތަރިކަ ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައިވާ މަސްފެންގަނޑުގެ ޒީނަތްތެރިކަން އިތުރުވެ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރި މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން