ޝިފާޢު އަކީ އެހައި ތަނަވަސް މީހެއް ނޫން ނަމަވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެކެވެ. ފުދުންތެރިއެކެވެ. ޝިފާޢުގެ އެންމެ ބޮޑު އެއް މައްސަލައަކީ އެތައް ބައިވަރު އަންހެންކުދިންނަކާއި ގުޅުނުއިރުވެސް އެއްވެސް ކުއްޖަކާއި ކައިވެނިނުކުރާކަމެވެ. ކޮންމެ ކުއްޖަކުދެކެވެސް ލޯބިވެގެން ދުވަސްކޮޅަކު އުޅެފައި ވަކިވާ ކަމެވެ.
ޝިފާޢުގެ ރައްޓެހިންގެ ގާތުގައި ބުނަނީ އެގޮތަށް ކަންކަން ކުރަނީ ކައިވެނިކުރާވަރުގެ ރަނގަޅުކުއްޖަކާއި ބައްދަލުނުވާތީ ކަމަށެވެ. ޝިފާޢުގެ ރައްޓެހިންގެ ގޮތުގައި ވަރަށް ރަނގަޅު މީހުންވެސް ތިބެއެވެ. ކައިވެނިކުރާނެ ކަމުގެ ޔަޤީންކަން ނެތި އަންހެންކުދިންނާއި ގުޅި އެކުދިން ގިނަ ނުކުރުމަށް ވަރަށް ގިނަ އެކުވެރިން ނަޞޭޙަތްތެރިވެއެވެ. ނަމަވެސް ޝިފާޢު އަށް އެފަދަ ނަޞޭޙަތްތައް އަޑުއިވޭކަމަކަށް ނުވެއެވެ.
ސީދާ ޢަދަދު ބުނާކަށް ނުއެނގެއެވެ. ނަމަވެސް ޔަޤީނުންވެސް 6 ކުދިން ބާކީކުރުމަށްފަހު ބައްދަލުވި ކުއްޖަކު ވަރަށް ކަމުގޮސްގެން އޭނާ އާއި ކައިވެނިކުރަން ޝިފާޢު ނިންމިއެވެ. ކައިވެނިކުރަން ވެގެން ރަންކިޔަން ހެކިވެރިން ފޮނުވުމުން އެކުއްޖާ ބުނީ ރަންކިޔާނީ އެރޭ ނޫންކަމަށާއި 3 ރޭ ފަހުން ކަމަށެވެ.
އެއީ ކީއްވެގެންތޯ ޝިފާޢު ސުވާލުކުރުމުން އެކުއްޖާ ބުނީ ކުރިން ނުއެނގޭ ބައެއްކަންކަން އެނގުނީ ކަމަށާއި ކައިވެނިކޝައްކުވިއެވެ. "އަހުރެންގެެ މާޒީ އެނގުނީތާއެވެ."
ކައިވެނިކުރަން ބޭނުންވެފައިހުރިވަރު ބޮޑުކަމުން ޝިފާޢު އަމިއްލައަށް އޭނާގެ މާޒީ ކިޔައިދިނެވެ. އެތައްބައިވަރުކުދިންނަކަށް ލަނޑުދީފައިވާނެކަމަށް ބުންޏެވެ. ނަމަވެސް ދެން އެގޮތަށް ކަންކަން ނުކުރާނެ ކަމަށް ބުނެ ޔަޤީންކަން ދިނެވެ.
އަންހެން ކުއްޖާ ބުނީ މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑުކަމަށެވެ. ކުރިއަށް އޮތްތަނުގައި ޝިފާޢުއަކީ ޝިފާޢު ބޭނުންނަމަ ރަނގަޅަށް އުޅޭ މީހަކަށްވެސް ވެވިދާނެ ކަމަށެވެ. ނަމަވެސް ޝިފާޢު ފަދަ މީހެއްގެ ވާހަކަ ޤަބޫލުކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެތީ ރިސްކް ނަގައިގެން ޝިފާޢު އާއި ކައިވެނިކުރަން ބޭނުން ނޫން ކަމަށެވެ.
ޝިފާޢު ވަރަށް ދެރަވިއެވެ. އޭނާ އެންމެ ލޯބިވީ ކުއްޖާ އާއި ކައިވެނިނުކުރެވުމުންނެވެ. އެކަމުގެ ހިތާމައިގައި ވަރަށް ގިނަ ދުވަހު ހުރެފައި ބައްދަލުވި ކުއްޖަކާއި ކައިވެނިކުރިއެވެ. ނަމަވެސް އަނބިމީހާގެ ކިބައިން އެއްވެސް ވަރަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ލޯތްބާއި އަޅައިލުމެއް ނުލިބުނެވެ. އަބަދުވެސް އުޅެންޖެހުނީ އަނބިމީހާއަށް ފާރަލުމުގައެވެ. އެވަރުން އުޅެއުލެ ހުއްޓައިވެސް ވަރިވެގެން ދިއައީއެވެ.
ޝިފާޢުގެ އެކުވެރިން ނަޞޭޙަތް ދިނެވެ. "ދެންވެސް ތައުބާވާށެވެ. ނަމާދުކުރާ މީހަކަށްވާށެވެ. އަދި ކުރިން ކަލޭގެ އަނިޔާ ލިބުނު ކުދިންގެ ކިބައިން މާފަށް އެދޭށެވެ. އެކުދިންގެ ހިތްޙަލާލް ހޯދާށެވެ. އެއިގެ ތެރޭގައި ކަލެއަށް ބަދުދުޢާކުރާ ކުއްޖަކުވެސް ހުރެދާނެއެވެ."
ޝިފާޢުގެ އެކުވެރިން ދިން ނަޞޭޙަތް ޤަބޫލުކުރިއެވެ. އަނިޔާ ދެވުނު ކުދިންގެ ކިބައިން މާފަށް އެދި ހިތްޙަލާލު ހޯދިއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން ބައްދަލުވި ކުއްޖަކާއި ކައިވެނިކުރެވި މިހާރު ދިރިއުޅެނީ އުފަލުގައެވެ. ކައިވެންޏަށް މިހާރު 5 އަހަރުވަރުވެދާނެއެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ލަނޑުދީފައިވާ ކުދިންގެ ކިބައިން މާފަށް އެދި ޙިތްޙަލާލު ހޯދިފަހުން ޝިފާޢުގެ ދިރިއުޅުމަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. ތަނަވަސްކަންވެސް އިތުރުވެފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ފިރިހެނުންވެސް އަދި އަންހެނުންވެސް ކައިވެނިކުރުމުގެ އިޚްލާޞްތެރި ނިޔަތް ނެތި ލޯބީގެ ގޮތުން ކުދިންނާއި ގުޅި ހިތްދަތިނުކުރުވާށެވެ! ޝިފާޢުއަށް ކުރިމަތިވި ޙާލަތަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ޙާލަތެކެވެ.
- އެލްޒީ / މިއަދުނޫހުގެ ކިޔުންތެރިއެއް