ރާއްޖެއާ ތުރުކީ ޤާނޫނު ހެދުމުގެ ދާއިރާއިން ގުޅުންބަދަހިކުރަން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރާއްޖެއާ ތުރުކީ ޤާނޫނު ހެދުމުގެ ދާއިރާއިން ގުޅުންބަދަހިކުރަން މަޝްވަރާކޮށްފި

ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އާއި ތުރުކިޔޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް–ތުރުކިޔޭ ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮނަރަބަލް ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް ބައްދަލުކުރައްވައިފިއެވެ.

ތުރުކިޔޭގެ ވެރިރަށް އަންކާރާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މޯލްޑިވްސް-ތުރުކިޔޭ ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ތުރުކިޔޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމުގައިވާ އޮނަރަބަލް ފާތިމާ ސެރަޕް އެކްމެކްޖީ އަދި އޮނަރަބަލް އިސްމާއިލް ޗަގްލާރު ބައިރިޖީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް–ތުރުކިޔޭ ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުން ތަޢާރަފް ވެވަޑައިގެންނެވުމާއި، ދިވެހިރާއްޖެ އާއި ތުރުކިޔޭއާ ދެމެދު އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ދެ ޤައުމުގެ ދެމެދު ޤާނޫނު ހެދުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ތުރުކިޔޭގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމުކުރެވުނު ފަހުން މޯލްޑިވްސް–ތުރުކިޔޭ ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕް އާއި ސަފީރާއެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. އަދި، ސަފީރު ޢަބްދުއްރަޙީމްގެ އަރިހުގައި އެމްބަސީގެ ޑިޕްލޮމެޓުންވެސް ބައިވެރިވެވަޑައިގަތެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން