އަމިއްލަ ފައިސާ ބޭނުންކުރުމަށް އެމްއެމްއޭ އާއި އާރުބީއައި އެއްބަސްވުމަކަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަމިއްލަ ފައިސާ ބޭނުންކުރުމަށް އެމްއެމްއޭ އާއި އާރުބީއައި އެއްބަސްވުމަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރެވޭ މުޢާމަލާތްތަކުގައި ދެ ޤައުމުގެ އަމިއްލަ ފައިސާ ކަމުގައިވާ ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި މުޢާމަލާތްތައް ފަސޭހަވެ، ޚަރަދު ކުޑަވާނެއެވެ. އަދި މީގެ އިތުރުން، ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސްގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.


މި އެއްބަސްވުމާ ގުޅިގެން އިތުރު ތަރައްޤީތަކެއް ވެސް ގެނެވޭނެ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި، ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭގޮތަށް ހަމަޖެހުނު ކަމާއި، ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ފުޅާވުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ. އަދި މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.


މިއަދު އޮންލައިން