ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރަށް ރާއްޖެއިން ތާއީދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރަށް ރާއްޖެއިން ތާއީދުކޮށްފި

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް ނެރުނު އަމުރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، "ދިވެހިރާއްޖެއިން މަރުޙަބާ ކިޔަމެވެ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މިއަދު ފަލަސްޠީނު ދައުލަތާ ގުޅޭގޮތުން ނިންމި ނިންމުންތަކަށް. މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް ޖަވާބުދާރީ ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ" ކަމަށެވެ.

އިތުރަށް ރައީސް ފާހަގަކުރެއްވީ ދިވެހިރާއްޖެއިން އައި.ސީ.ސީގެ ނިންމުންތަކަށް އިޙްތިރާމްކުރާ ކަމާއި، ކޯޓުގެ ޙުކުމްތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި އެ ޙުކުމްތައް ތަންފީޛުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދެމެހެއްޓުމާއި ފަލަސްޠީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ އެ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އައިސީސީން މި އަމުރު ނެރުނީ ފަލަސްޠީނުގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާ ގުޅިގެންނެވެ. މި އަމުރާއެކު، އިސްރާއީލާއި ފަލަސްޠީނުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ޙާލަތު އިތުރަށް ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން