ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގި މީހަކު ދޫކޮށްލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހއ. ހޯރަފުށީ ހާޝިމް އަބޫބަކުރަކީ 2022 އިން ފެށިގެން ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމަށެވެ. އޭނާގެ ބަލިހާލަތާ ގުޅިގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި، ބޭސްފަރުވާއަށްފަހު އެނބުރި އައުމުން، އޭނާގެ ބަލިހާލަތަށް ރިޢާޔަތްކޮށް ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
"އޭނާ މޮނިޓަރކުރުމުގެ މަސައްކަތް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންދޭ،" ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް އަވަސް ފިޔަވަޅު އެޅުމަށް ޤާނޫނުން ލާޒިމުކުރާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.