ދުންފަތް ކޮންޓްރޯލް ޤާނޫނަށް 14 އަހަރު ވެފައިވާއިރުވެސް، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެހެދި އޮތުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ މި ޤާނޫނަށް ގެނެވުނު ގިނަ އިޞްލާޙުތަކަކީ ކުރީގެ ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާފައިވާ ކަންކަން ހައްލުކުރުމަށް ގެނެވުނު އިޞްލާޙުތަކެކެވެ.
ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ދުންފަތް ކޮންޓްރޯލް ޤާނޫނު ތަޢާރަފުކުރެވުނީ 2010 ވަނަ އަހަރުއެވެ. އަދި މިހާރު ގެނެވުނު އިޞްލާޙުތަކާއެކު، މުހިންމު ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން، ބަންޑާރަ ނައިބު ވިދާޅުވީ، ވޭޕް މަނާކުރުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ ރައްޔިތުންގެ ހައްޤުގައި ނިންމި ނިންމުމެއް ކަމަށެވެ. މި ގޮތުން، 15 މާރިޗު 2024 އިން ފެށިގެން އީ-ސިނގިރޭޓް އަދި ވޭޕް އެތެރެކުރުން މަނާކުރެވޭނެ ކަމަށާއި، 15 އޭޕްރީލު 2024 އިން ފެށިގެން ވޭޕް ބޭނުންކުރުން މަނާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.