ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން 300 ޓަނަށް އިތުރުވާނެ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން 300 ޓަނަށް އިތުރުވާނެ: ވަޒީރު ޝިޔާމް

ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 35 ޓަނުން 300 ޓަނަށް އިތުރުވާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން، 11 އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ދައުރުގެ ފުރަތަމަ 3 އަހަރު ޕްރޮސެސިންގ ކެޕޭސިޓީ ހުންނާނީ 300 ޓަނުގައި، އެއީ ދެކުނުގައި ޤާއިމްކުރާ ފެސިލިޓީއާއި، ނިލަންދޫގައި ގާއިމްކުރާ ފެސިލިޓީ އަދި ފެލިވަރު ފެސިލިޓީވެސް 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތްދަނީ ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރު ތެރޭގައި 35 އަށްވުރެ ގިނަ ފަރާތަށް މި ލޯނު ހަމަޖެހޭނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި މަސައްކަތްތަކުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވެއެވެ.

"މަސްވެރިންނަށް މަސް ކިރުމާއި އައިސް ހޯދުމުގެ އިންތިޒާމްތައް ފަސޭހަކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަމުން މިދަނީ. އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ޚާއްސަ ލޯނު ދޫކުރަން ވެސް ފަށައިފި," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމްގެ މި ބަސްފުޅުތަކުން ދޭހަވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން