އެއީ ހުކުރު ދުވަހެއްގެ ރޭ 8 ޖަހައި އެހައިކަންހާއިރެވެ. ހަވީރުންސުރެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ދަރިފުޅު ގޮވައިގެން އުޅެފައި އިސްލާމީ މަރުކަޒުގައި ޢިޝާ ނަމާދުކޮށްލައިގެން ފައިބައި ސަލްޓަން ޕާކުކުރިމައްޗަށް ވާގޮތަށް އިށީނދެލައިގެން އިނީމެވެ. އެއިރު ދަރިފުޅު ހުރީ ސްކޭޓް ދުއްވާށެވެ.
އެހެން އިންދައި ވަރަށް ސާދާ ގޮތަކަށް ހެދުންލައިގެން ހުރި ފިރިހެނަކު އައިސް އަޅުގަނޑާއި ވާހަކަދައްކަން ފެށިއެވެ. އަޅުގަނޑުގެ ޙަޔާތާއިބެހޭ ގޮތުން ސުވާލުކުރީމާ ބުނީމެވެ. "އަޅުގަނޑަކީ އެކަނިވެރި މައަކީމެވެ. ދަރިފުޅު ތިހިރީއެވެ. މަސައްކަތް ހުންނަ ގޮތުން ދަރިފުޅު ގޮވައިގެން ނައުދެވި ގިނަދުވަސްތަކެއްވެފައި އައުދެވުމުން މިއުޅެނީ ގެއަށްދާން އެއްބަސް ނުވެގެންނެވެ."
އެހެން ބުނުމުން އޭނާ އެދުނީ ދަރިފުޅު ގޮވައިގެން އެތާކައިރިން ރެސްޓޯރަންތަކަށް ދިއުމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ދިން ދަޢުވަތަށް ޝުކުރު އަދާކުރާ ކަމަށާއި ދަތިޙާލުގައި އުޅެމުންވެސް ފޭރާން ލައި ނިވާވެ މޫނުވެސް އަޅައިގެން މިއުޅެނީ ކަމަކު ކަމަށެވެ.
އެހެން ބުނުމުން ޙައިރާންވެ އަޅުގަނޑަށް އިރުކޮޅަކު ބަލަން ހުރެފައި 500 ރުފިޔާގެ 2 ނޫޓު ދިއްކޮށްލާފައި ބުނީ އެއިގައި ހިފުމަށާއި ދަރިފުޅު ގޮވައިގެން އެކަނި ނަމަވެސް ރެސްޓޯރަންޓަކަށް ގޮސް ދަރިފުޅަށް ކޮންމެވެސް އެއްޗެއް ކާންދިނުމަށް އެދޭ ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ ދިން ހަދިޔާއަށް ޝުކުރުވެރިވާ ކަމަށާއި ދިރިއުޅެމުން މިއަންނަނީ ވަރަށް ދަތި ޙާލުގައި ނަމަވެސް ދުވަހަކުވެސް ހިލޭ ފިރިހެނެއްގެ އަތުން އެންމެ ރުފިޔާއެއްގައިވެސް ހިފާފައި ނުވާނެ ކަމަށެވެ.
ދެން އޭނާ ބުނީ އަޅުގަނޑާއި ބައްދަލުކޮށް އިތުރަށް ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. އަޅުގަނޑު ބުނީ ގެއަށް އަތުވެއްޖެނަމަ މަންމަގެ ޙާޒިރުގައި ވާހަކަދެއްކިދާނެ ކަމަށެވެ. އެކަނި ތަންތަނަށް ގޮސް ނުއުޅޭ ކަމަށެވެ. އެހެން ބުނުމުން ފަހުން ބައްދަލުކުރާނެ ކަމަށް ބުނެފައި އޭނާ ދިއައީއެވެ.
އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އޭނާ އަޅުގަނޑުމެންގެ ގެއަށް ދިއައެވެ. ދިރިއުޅޭ ދަތިޙާލު ލޮލުން ބެލިއެވެ. ކާންހަދާފައި މޭޒުމަތީގައި ހުރި ބަތާއި ހުސްގަރުދިޔަކޮޅުވެސް ބެލިއެވެ. ބުނީމެވެ. "ބައްޕަ ނިޔާވިފަހުން ދިރިއުޅެމުން މިއަންނަނީ ވަރަށް ދަތިޙާލުގައެވެ. އެހައި އަވަހަށް ކައިވެނިކުރީވެސް ރަނގަޅު ގޮތެއް މެދުވެރިވުމުގެ އުންމީދުގައެވެ. ނަމަވެސް ނަތީޖާއަކަށްވީ އިތުރު ބުރައަކަށްވާގޮތަށް ދަރިއަކު ދީފައި ނުކުމެގެން ދިއުމެވެ. ދަރިފުޅު އެކަނި ގޭގަ ބަހައްޓާފައި އަޅުގަނޑު މަސައްކަތު ދާކަށް މަންމަ ނުރުހެއެވެ. ދިރިއުޅެނީ މަސައްކަތު އަންހެނެއްގެ ވަޒީފާ އަދާކޮށްގެން މަންމައަށް ލިބޭ މުސާރައިންނެވެ."
އިރުކޮޅަކު ވާހަކަދައްކަން އިނދެފައި ދަމުން މަންމައަތަށް ކޮންމެވެސް ވަރަކަށް ރުފިޔާދޭން އުޅުނީމާ މަންމަވެސް ދިނީ ކުރީރޭ އަޅުގަނޑުދިން ޖަވާބެވެ. އެޖަވާބު ދިނުމުން ތިއައީ މިހައިތަނަށް ބައްދަލުވި އެންމެ ވަރުގަދަ ދެމައިން ކަމަށް ބުނެފައި ނުކުންނަމުން ބުނީ އަދިވެސް އަންނާނެ ކަމަށެވެ.
ދެން އައީ 3 ރޭ ފަހުންނެވެ. އެރޭ އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. ކައިވެންޏަށް އެދުމުން މަންމަ ސުވާލުކުރިއެވެ. "މޫނުއަޅައިގެން އިން އަންހެނަކާއި ކައިވެނިކުރަން ތިއަ އެދެނީ މޫނުވެސް ނުދެކި ހުރެއެވެ. ތިއައީ މިޒަމާނުގައި ހާދަ ނުފެންނަ ކަމެކެވެ. ކައިވެންޏަށް ތިއަ އެދެނީ ކޮންކަމަކަށް ވިސްނައިގެން ހެއްޔެވެ؟"
އޭނާ ބުނީ ހަމަގައިމުވެސް ކޮންމެ އިންސާނެއްގެ މޫނުގައިވެސް އިންސާނެއްގެ ސިފަ ހުންނާނެ ކަމަށެވެ. އެއިރުން ނިމުނީ ކަމަށެވެ. ދެމައިންގެ ހިތުގެ ސިފަ ފެނިއްޖެ ކަމަށާއި ކައިވެނިކުރަން ނިންމީ ހިތުގެ ސިފަ ރީތިކަމުން ކަމަށެވެ.
ކައިވެނިކުރީއެވެ. ފިރިމީހާއަކީ އެހާ ތަނަވަސް ނޫންނަމަވެސް ވިޔަފާރިވެރިއެއްކަން އެނގުނީވެސް ކައިވެނިކުރި ފަހުންނެވެ. ކައިވެންޏަށް 6 އަހަރުވެސްވީއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. އަދި މިހަިތަނަށް ފެނުނު ކަންކަމަށް ވިސްނާއިރު ދެމީހުން ވަކިވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ﷲ އިރާދަފުޅުން އަޅުގަނޑަކީ ސިފަ ހުތުރު އަންހެނެއް ނޫނެވެ. ކައިވެނީގެ ކުރިން ބެލުން ހުއްދަނަމަވެސް ފިރިމީހާ އެކަމެއް ނުކުރެއެވެ. އަޅުގަނޑުގެ ބޭރުފުށުގެ ސިފަ ބެލީ ކައިވެނިކޮށްގެންނެވެ. ވީމާ މިޒަމާނުގައިވެސް ރަނގަޅު ފިރިހެނުން އުޅޭކަން މިއޮތީ ފެނިފައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިރަޙްމަތް ލެއްވެވީ ދަތިޙާލުގައި ކެތްތެރިވެ ތިބެ މަންމަ ކޮށްދިން ދުޢާ އާއި އަޅުގަނޑުކުރި ދުޢާއިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މޫނު އަޅައިގެން އުޅުނަސް ދަތިޙާލުގައި އުޅުނަސް އަންހެނުން އަންހެނުންގެ މަޤާމުގައި ތިބޭނަމަ ރަނގަޅު ގޮތްތައް ﷲ މިންވަރުކުރައްވަވާނެއެވެ. ރަނގަޅު ފިރިއަކު ހޯދަން ހަށިގަނޑު ނީލަންކިޔާކަށް، ފައިސާއަށް ވިކޭކަށް ނުޖެހޭނެއެވެ. ރަނގަޅު ދިރިއުޅުމެއް ބޭނުން ނަމަ ލޯބިވާންވީވެސް ވިކެންވީވެސް ހަމަ ﷲ އަށެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ އެއިރުންނެވެ!
- މުއްމިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް