ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އަރމްސްގެ މަޤާމުތަކަށް މިހާރު ތިއްބެވި ބޭފުޅުން އަލުން ޢައްޔަންކުރެވިއްޖެއެވެ. މިގޮތުން އަމީންއާންމުކަމަށް ފާތިމަތު ނިއުޝާ، ކައުންސެލް ޖެނެރަލްކަމަށް ފާތިމަތު ފިލްޒާ، އަދި ސާޖަންޓް އެޓް އަރމްސްކަމަށް ތޮލްހަތު ހަސަން ހޮވިވަޑައިގެންފައިވާކަމަށް މަޖިލީހުން މަޢުލޫމާތު ދެއްވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި މަޤާމުތަކަށް މީހުން ޢައްޔަންކުރަންޖެހެނީ ކޮންމެ އައު މަޖިލީހެއްގެ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިންނެވެ. މި މަޤާމުތަކުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.
މަޖިލީހުގެ އިދާރީ އޮނިގަނޑުގައި، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށްފަހު އެންމެ އިސް މަޤާމަކީ އަމީންއާންމުކަމެވެ. އަމީންއާންމަކީ މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.
މި ތިން މަޤާމަށް ބޭފުޅުން ޢައްޔަންކުރެވުމާއެކު، ކުރިއަށް އޮތް 5 އަހަރު ދުވަހަށް މަޖިލީހުގެ އިދާރީ އޮނިގަނޑުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބަވާނެ ބޭފުޅުން ކަނޑައެޅިގެން ދިޔައެވެ. މިއީ މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.