2024 ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި ބަރަހާނަކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) ގެ މައްޗަށެވެ.
މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް ތިން ދައުވާއެއް ކޮށްފައިވާއިރު އެތިން ދައުވާގެ ތެރެއިން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ 18 ދުވަހަށް ތިން މީހުން ޖަލަށް ލުމަށް އަދި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ ސާބިތުގެ 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެ 9 މަހާއި 18 ދުވަހަށް ތިން މީހުން ވެސް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާ (ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުން) އަށް ރިއާޔަތްކޮށް، ޢާއިޝަތު ތަންފީޒުކުރަންޖެހޭ ޖަލު ހުކުމަކީ 5 މަހާއި 24 ދުވަސްކަމަށް ކަނޑައަޅައި، މުޙައްމަދު ރީޙާން ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 5 މަހާއި 23 ދުވަސް އަދި ޝަފީޤު އިބްރާހިމް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 8 މަހާއި 18 ދުވަސް ކަމަށް ކަނޑައަޅާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވެއެވެ.