ފަޤީރުވެފަ ސިފަހުތުރުވީމާ ކައިވެނިނުކުރެވިހުރި ކުއަޖަކަށް މަންމަ ދުޢާކޮށްދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ ފުދުންތެރިކަން ލިބުމުގެ އިތުރުން ތަނަވަސްބައިވެރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 48ސ
ފަޤީރުވެފަ ސިފަހުތުރުވީމާ ކައިވެނިނުކުރެވިހުރި ކުއަޖަކަށް މަންމަ ދުޢާކޮށްދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ ފުދުންތެރިކަން ލިބުމުގެ އިތުރުން ތަނަވަސްބައިވެރިއަކު ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީ އޮފީހުގައި މަސައްކަތްކުރާ 9 އަންހެންކުދިންގެ ތެރެއިން އެންމެ ސިފަ ހުތުރު ކުއްޖާއެވެ. އަދި އެންމެ ފަޤީރުވީމާ އެންމެ އާދައިގެ ގޮތަކަށް ހެދުންއަޅާވެސް ކުއްޖާއެވެ. މީރުވަސް ދުއްވަން ޖަހާނެ ސެންޓެއްވެސް ނުލިބެއެވެ.

އެހައި ދަތިގޮތަކަށް އުޅެންޖެހިފައިވަނީ ވަރަށް ބަލި ޙާލުގައި އޮތް މަންމައަށް ޚަރަދުކުރަންޖެހޭތީއެވެ. ޢާއިލާއިން މުސާރަލިބޭނީ އަޅުގަނޑަށް އެކަނި ކަމަށްވެފައި ހަގަށް ތިބި 2 ކޮއްކޮ ކިޔަވާތީއެވެ. ޚަރަދުކުރާނެ ބައްޕައަކު ނެތީމައެވެ.  

މިވާހަކަތައް އަޅުގަނޑު އޮފީހުގެ އެއްވެސް އެކުވެރިއަކަށް ކިޔައެއް ނުދެމެވެ. އެކުދިން ހީކުރަނީ އަޅުޣަނޑުގެ ދޯދިޔާކަން ކަމަށެވެ. އެހެން ހީކޮށް ވަރަށް ގިނައިން މަލާމާތް ކުރެއެވެ. ކިތަންމެ ސިއްރުން ވާހަކަދެއްކިނަމަވެސް ބައެއް ފަހަރު އަޑު އިވޭތީ ވަރަށް އަސަރުވެސް ކުރެއެވެ. އެކަމަކުވެސް އަޑުއިވޭ ކަމަކަށް ނުހަދަމެވެ. މަސައްކަތްކުރީ ކެތްތެރިވުމަށެވެ.  

ވަރަށް ހުތުރުކޮށް އެކުވެރިން އެއްޗެތިކިޔައި މަލާމާތްކުރި ދުވަހަކު ގެއަށް ގޮސް މަންމަ ގާތުގައި އިށީނދެލިތަނާ ރޮވިއްޖެއެވެ. މަންމަ ސުވާލުކުރަންފެށީމާ ވަރަށް ކަންބޮޑުވިއެވެ. ތެދަށް ނުބުނެފިނަމަ މަންމަ ވަރަށް ދެރަވާނެއެވެ. އެހެންވެ ތެދުބަހުން ކިޔައިދިނީމެވެ.  

މަންމަ ވަޤުތުން ދެއަތް އުފުލައި ދުޢާކުރިއެވެ. "ޔާ ﷲ! މިއަޅާގެ ދަރިފުޅަށް ހެޔޮލަފާ ތަނަވަސް ފިރިއަކު ދެއްވަވާނދޭވެ! މިއަޅާގެ ދަރިފުޅަށް އެހެން މީހުން ކުރާ ފުރައްސާރަތަކުން ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާއަށާއި މިއަޅާގެ ދެ ދަރިންނަށް ހުރިހާ ކަމެއް އެދަރިފުޅު ކޮށްދެނީ އޭނާގެ އަމިއްލަ ބޭނުންތައް ނުފުއްދައެވެ. އެދަރިފުޅަށް އިނބަ ﷲ ރަހްމަތް ލައްވަވާނދޭވެ!" އާމީން މަންމަކުރި އެ ދުޢާ މިހާރުވެސް އަކުރުން އަކުރަށް ހަނދާން އެބަހުއްޓެވެ.  

މަންމަ އަޅުގަނޑަށް ވަރަށް ނަޞޭޙަތްދިނެވެ. ކެތްތެރިވާން ހިތްވަރުދިނެވެ. އެތައްފަހަރަކު ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލަން ބުންޏެވެ.  

ކޮންމެއަކަސް އެއިގެ 3 ދުވަސްފަހެވެ. ވެރިމީހާގެ ގާތަށް އަޅުގަނޑު ގެންގޮސްފައި ބުނީ އޭނާގެ ބައެއް އަމިއްލަ ކަންކަން ހުރި ގޮތުން ކުންފުނި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަކަމަށެވެ. މެލޭސިޔާގައި އެވަޤުތު ހުރި އޭނާގެ ދަރިފުޅު 2 ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި އޭނާ އައުމުން ކުންފުނި ހިންގުން ދަރިފުޅާއި ޙަވާލުކުރާނެ ކަމަށެވެ.  

އެވާހަކަތައް އަޅުގަނޑު ގާތު ދެއްކި ސަބަބާއިމެދު ސުވާލު އުފެދުނެވެ. ނަމަވެސް ސުވާލެއް ނުކުރަމެވެ. "އެހެންތޯ؟" އަހައިލުން ނޫން ބަހެއް ނުބުނަމެވެ.  

ދަރިފުޅު ރާއްޖެ އައުމުން ކުންފުނި ހިންގުން ދަރިފުޅާއި ޙަވާލުކުރި ދުވަހު އަޅުގަނޑު ގެންގޮސް ދަރިފުޅުގެ ކުރިމަތީގައި ބަހައްޓާފައި ބުންޏެވެ. "ދަރިފުޅާއެވެ! ޒަހީރާއަށް ބަލައްޗެވެ! ހުރިހާ މުވައްޒިފުންގެ ތެރެއިންވެސް މަސައްކަތުގައި އެންމެ ތެދުވެރި މުވައްޒިފަކީ ޒަހީރާއެވެ. ބައްޕަ އެންމެ އިތުބާރުކުރާ މުވައްޒިފަކީވެސް ޒަހީރާއެވެ!"  

އެހެން ބުނުމުން އުފަލުން ރޮވުނެވެ. އަދި ބުނި ހެޔޮ ބަސްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރީމެވެ. ދެން ކުރިމަތީގައި ހުރި ގޮނޑިއެއްގައި އަޅުގަނޑު ބައިންދާފައި ޢާއިލީ ދިރިއުޅުމުގެ ވާހަކަތަކުން ސުވާލުކުރުމުން ތެދަށް ކިޔައިދިނީމެވެ. ބައްޕަ ދަރިފުޅުގެ ގާތުގައި ބުނީ އަޅުގަނޑުގެ މުސާރައަށް ގެނެވެން އޮތް ހެޔޮ ބަދަލެއް ގެނެސްދިނުމަށެވެ.  

އެހަފްތާގެ ހުކުރު ދުވަހުގެރޭ ވެރިމީހާގެ ދަރިފުޅު އަޅުގަނޑުމެންގެ ގެއަށް އޭނާގެ ރައްޓެއްސަކާއި އެކު ދިއައެވެ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތް އަމިއްލައަށް ބަލައިލިއެވެ. ނުކުންނަމުން ހަދިޔާއެއް ކަމަށްބުނެ މަންމައަށް ރުފިޔާވެސް ދިނެވެ. އެމަހުގެ މުސާރަ ލިބުނުއިރު މުސާރަވަނީ ބޮޑުކޮށްފައެވެ. 

އެއިގެ މަހެއްހައި ދުވަސްފަހެވެ. އޮފީސް ނިމިގެން ގެއަށްދާން ނުކުންނަން އުޅެނިކޮށް އަޅުގަނޑު ގެންގޮސްފައި އެރޭ ރެސްޓޯރަންޓަކަށް ކެއުމަކަށްދާން ދަޢުވަތު ދިނުމުން ބުނީމެވެ. "ދިން ދަޢުވަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ނަމަވެސް ރެސްޓޯރަންޓްތައް ފަދަ ތަންތަނަށް ގޮހެއް ނުއުޅެމެވެ. ތިއަ ގެއަށް ހިނގައިދާނަމެވެ. ނޫނީ އަޅުގަނޑުމެންގެ ގެއަށް ހިނގައްޖެނަމަ އަބަދު މީރުވެގެން އުޅޭ ހޫނު ޑިސްކާއި މަސްހުރި ވަރަށް މީރުކޮށް ތައްޔާތރުކޮށްދޭނަމެވެ." އެހެން ބުނުމުން ދުވަހެއް ކަނޑައަޅާނީ ކަމަށް ބުނެފައި ހިނިގަނޑަކުން ނިންމައިލީއެވެ.  

އެއިގެ މަހެއްހައި ދުވަސްފަހެވެ. އެއްދުވަހަކު އަޅުގަނޑު ގެންގޮސްފައި ބުނީ ގެނުވީ އަމިއްލަ ވާހަކައެއް ދައްކަންވެގެން ކަމަށާއި އެވާހަކައަކީ އަޅުގަނޑާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވާކަމުގެ ވާހަކަ ކަމުގައެވެ. އަޅުގަނޑު ބުނީ މިޒަމާނުގައި މިކިޔާ ލޯބީގެ ގޮތުން ގުޅިގެން ކުރާ ކަންކަން ކުރަން ބޭނުން ނޫން ކަމަށާއި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯބީގެ ގޮތުން ގުޅުމަކީ ދެމީހުން ކައިވެނިކުރުން ކަމަށާއި ކައިވެނިކުރަން ނަމަ މިހާރުވެސް ހުރީ ތައްޔާރަށް ކަމަށެވެ. އަވަހަށް ރަންކިޔަން ފޮނުވަންވީ ކަމަށެވެ.  

އޭނާ ބުނީ ދޭނީ އެޖަވާބުކަން ކުރިންވެސް އެނގޭކަމަށާއި ހުށަހެޅީވެސް އެކަން އެނގިހުރެ ކަމަށެވެ. ހަމަ މިރޭ ރަންކިޔުއްވަން ފޮނުވާނެ ކަމަށެވެ. 

ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކައިވެނިކުރެވުނެވެ. އެކައިވެނީގައި 10 އަހަރުވެސް ފާއިތުވެއްޖެއެވެ. ދަރިންވެސް ލިބި ދެމީހުން ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީ އަޅުގަނޑުގެ މާބޮޑު މޮޅުކަމެއް ބުނާކަށް ނުވަތަ އަޅުގަނޑުގެ ހުރި ސިފަތަކެއް ކިޔައިދޭކަށް ނޫނެވެ. ބޭނުންވީ މައިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކޮށް މައިންގެ ހެޔޮދުޢާގެ ފައިދާ ވަރަށް ބޮޑަށް ކުރާކަން ހާމަކުރުމެވެ. ކޮންމެ މީހަކުވެސް މައިންގެ ހެޔޮދުޢާ ލިބޭނެ ގޮތަށް މައިންނާއިމެދު ކަންކަން ކުރަން ބުނެލުމަށެވެ. 

ކޮންމެ މީހަކަށް ކޮންމެ ކަމެއްގައި އެއްގޮތަކަށް ކަންކަން މެދުވެރިނުވެދާނެއެވެ. ނަމަވެސް އަޅުގަނޑަށްޓަކައި އެދުވަހު މަންމަ ކުރި ހެޔޮދުޢާގައި މަންމަ އެދިދެންނެވި ގޮތަށް ހިންމަވައި ދެއްވެވެވީ ދުޢާކުރިތާ 3 މަސްވެސް ނުވަނީހެވެ. އަދި ކީއްހެއްޔެވެ؟ އެއިގެ ކުރިން ފުރަތަމަ ަމސްތެރޭގައި މަންމައަށް ވަނީ ފައިސާގެ ހަދިޔާއެއް ލިބިފައެވެ. އަޅުގަނޑުގެ މުސާރަ ބޮޑުވެފައެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން އެހައި އަވަހަށް ހިންމަވައި ދެއްވެވީ އަޅުގަނޑަށް މަންމަ އާއިމެދު ކަންކަން ކުރެވެމުން އައި ގޮތުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންނެވެ.  

އަޅުގަނޑުގެ ވާހަކައިން ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ޒަހީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން