އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގއ. ވިލިނގިލި ކައުންސިލާއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ވުޒާރާގެ އިސްވެރިންނާއި ވިލިނގިލި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވިލިނގިލި ކައުންސިލުން ވަނީ އެރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާއި ހިއްސާކުރައްވައި، މިސްކިތްތަކުގެ މަރާމާތުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އެރަށުގައި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދިނުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ވިލިނގިލި ކައުންސިލުން ހުށަހެޅުއްވި މި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި ކަންކަން ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވާފައިވެއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ރަށްރަށުގެ މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމަށާއި، ދީނީ ތަޢުލީމު ފެތުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ދީނީ ކަންކަން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.