ޢިބްރަތްތެރި ވާހަކަ: ކައިވެނިކޮށްގެން ގެއަށް ގެންދިއައިމަ ސިފަ ކަމުނުގޮސް ގެއިން ބޭރުކުރި ނަމަވެސް ބަލިވެ ބަލަންޖެހުނީމާ ސިފަކަމުދިއުން- ދޫކޮށްލަންޖެހޭ އާދައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނިކޮށްގެން ގެއަށް ގެންދިއައިމަ ސިފަ ކަމުނުގޮސް ގެއިން ބޭރުކުރި ނަމަވެސް ބަލިވެ ބަލަންޖެހުނީމާ ސިފަކަމުދިއުން- ދޫކޮށްލަންޖެހޭ އާދައެއް!

އަޅުގަނޑަކީ ފަލަ އަންހެނަކީމެވެ. ހިކޭކަށް މަސައްކަތެއްވެސް ނުކުރަމެވެ. އެކަމަށް މަސައްކަތް ނުކުރީ މަސައްކަތްކޮށްގެން ހިކިގެންހުރެ ކައިވެނިކުރާތަނުން ފަލަވެއްޖެނަމަ ފިރިމީހާ ފޫހިވުން ފަދަ ކަންކަން ކުރިމަތިވާނެތީއެވެ. 

އަޅުގަނޑު ފަލަކޮށް ހުރުންވީ ގިނަ ފިރިހެނުން އަޅުގަނޑު ދެކެ ފޫހިވާ ސަބަބަކަށެވެ. އެކަން އަޅުގަނޑު ދުށީ ރަޙްމަތެއްގެ ގޮތުގައެވެ. އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ސިފައިގައި އަޅުގަނޑު ޤަބޫލުކުރާނެ ފިރިހެނަކާއި ކައިވެނިކުރާށެވެ. 

އެހެން ހުއްޓައި އަޅުގަނޑާއި ބައްދަލުވި ފިރިހެނަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ކައިވެނިވެސް ކުރީމެވެ. ނަމަވެސް އޭނާގެ ޢާއިލާއަކުން އަޅުގަނޑު ބަލައެއް ނުގަތެވެ. އަބަދުވެސް އިވޭނީ މަލާމާތާއި ފުރައްސާރަކުރާއަޑުތަކެވެ. އެކަމަކު ކެތްތެރިވެގެން ހުރީމެވެ. އެއީ ފިރިމީހާގެ ލޯބި އަޅުގަނޑަށް ލިބޭތީއެވެ. 

އެހެން ހުއްޓައި ފިރިމީހާއަށް ކެތް ނުކުރެވިގެން އަޅުގަނޑުމެންގެ ދިރިއުޅުން އަޅުގަނޑުގެ މައިންބަފައިންގެ ގާތަށް ބަދަލުކުރަން ހުށްހެޅުމުން އެކަން ޤަބޫލުކުރީމެވެ. އެހިސާބުން ދިރިއުޅުން އަޅުގަނޑުމެންގެ ގެއަށް ބަދަލުކޮށް ދިރިއުޅެން ފެށީއެވެ. އަޅުގަނޑުމެންގެ ގޭގައި އުޅުނު ނަމަވެސް ހަފްތާއަކު 1، 2 ފަހަރު ފިރިމީހާއާއިއެކު އެގެއަށްދަމެވެ. އެންމެންގެ ޙާލުވެސް ބަލަމެވެ. 

ކައިވެންޏަށް 4 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ލިބުމާއިއެކު އަޅުގަނޑުގެ ހަށިގަނޑަށް ބަދަލުއަންނަންފެށީ ގިނަ އަންހެނުންނާއި އެއްގޮތަކަށް ނޫނެވެ. އަޅުގަނޑު ހިކެންފެށީއެވެ. ކައިވެންޏަށް 8 އަހަރުފުރުނުއިރު 3 ދަރިން ވަނީ ލިބިފައެވެ. އެއިރު އަޅުގަނޑަކީ ފަލަމީހެއް ކަމަކަށް ނުބުނާނެއެވެ. 

އެހިސާބުން އަޅުގަނޑުގެ ބައްޕަ ފިރިމީހާއަށް ހިތްވަރުދިނީ އަމިއްލަ މަސައްކަތެއް ފެށުމަށެވެ. ބައްޕަގެ އަތުގައި އެއްކުރެވިފައިހުރި ފައިސާއިން ފަހުން އަނބުރައިދައްކާގޮތަށް ކެޕިޓަލެއްވެސް ދިނެވެ. ފިރިމީހާވެސް ބައްޕަގެ ނަޞޭޙަތް ޤަބޫލުކޮށް އަމިއްލަ ވިޔަފާރިއެއް ފެށިއެވެ. ފިރިމީހާ އަމިއްލަ މަސައްކަތެއް ފެށުމުން ބޮޑުދައިތަވެސް އެހީތެރިވިއެވެ. އެހެންވެ ވިޔަފާރި ފުޅައުކުރަން ފިރިމީހާއަށް ފުރުޞަތުލިބުނެވެ. 

ދެމަފިރިން އުފަލުގައި އުޅެމުންދަނިކޮށް ފިރިމީހާގެ މަންމައަށް ބަލި އެނދުގައި އޮންނަން ޖެހިއްޖެއެވެ. މަންމަގެ ދަރިން މަންމަ ނުބަލާތީ ފިރިމީހާގެ ގާތުގައި އެދުނީ މަންމަ ބަލައިދޭން އަޅުގަނޑު އެގެއަށް ގެންދިއުމަށެވެ. އެކަމަށް އަޅުގަނޑު ދެކޮޅު ހެދީމެވެ. އަޅުގަނޑު އެދުނީ އަޅުގަނޑުމެންގެ ގެއަށް މަންމަ ގެނެސްގެން ބެލުމަށެވެ. އެކަމަށް އަޅުގަނޑުގެ މައިންބަފައިންވެސް ތާއީދުކުރިއެވެ. 

ފިރިމީހާގެ މަންމަ އަޅުގަނޑުމެންގެ ގެއަށް ގެނެސް ވީއެންމެ ރަނގަޅަކަށް ކަންކަންކޮށްދިނީމެވެ. މަންމަ ދެކެލަން މަންމަގެ ދަރިއަކު ނައުދެއެވެ. ހުރިހާ ކަމެއްކުރީ އަޅުގަނޑުމެން ދެމަފިރިންނެވެ. މަންމަ ނިޔާވީ އަޅުގަނޑުމެންގެ ގޭގައި 3 އަހަރު އޮތްފަހުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ދަރިން ކައިވެނިކުރާ މީހުންގެ ސިފައަށް ބަލައި ފުރައްސާރަކޮށް ނިކަމެތިކުރުމުގެ ނުބައި އާދަ ދޫކޮށްލަން އެބަޖެހެއެވެ. މިސާލަކަށް އަޅުގަނޑު ފަލަވެ ސިފަހުތުރުވެގެން މަލާމާތްކުރަމުންގޮސް ގެއިން ނުކުންނަން ޖެހޭ ޙާލަތަށް ކަންކަން ދުއްވައިލިކަމުގެ ނަތީޖާ އެފެނުނީ ކިހިނަކުންތޯއެވެ! 

ފަލަވެސް ވެދާނެއެވެ. ކުރުވެސް ވެދާނެއެވެ. ކަޅުވެސްވެދާނެއެވެ. އަދި އެނޫންވެސް ސިފައެއް ހުރެދާނެއެވެ. އެސިފައިގައި ހުއްޓައި ދަރިފުޅު އެމީހަކު ދެކެ ލޯބިވެގެން ކައިވެނިކުރީމާ އެކަމާއި ނަފްރަތުކުރުމުގެ ޙައްޤު އޮންނާނީ ކާކަށްތޯއެވެ؟ 

އަޅުގަނޑު ފަލަވެގެން އަދި ހިކުމަކުން ފިރިމީހާ ކަންބޮޑެއް ނުވެއެވެ. ފިރިމީހާ އަޅުގަނޑާއި ކައިވެނިކުރީ ފަލަ އަންހެނެއްކަން އެނގިހުރެއެވެ. ފިރިމީހާ އެއިރުވެސް މިހާރުވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. އެއީ ﷲ އަޅުގަނޑަށް ދެއްވެވި ވަރަށް ބޮޑު ނިޢްމަތެވެ. އަޅުގަނޑު ޤަބޫލުކުރަނީ ﷲ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބަރަކާތް ލެއްވެވީ ދެމީހުންގެ މެދުގައި އޮތް އިޚްލާޞްތެރި ލޯބީގެ ސަބަބުން ކަމަށެވެ.

 

- ޝަމްސިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން