ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އަންނަ އަހަރު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އަންނަ އަހަރު ފަށަނީ

އަންނަ އަހަރުގެ މާރިޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

މި ޚިދުމަތް ފޯރުކޮށްދިނުމަށް 36 ބައިނަލްއަޤްވާމީ ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، އަންނަ 10-15 ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށާއި، މި ޚިދުމަތުން އިމަޖެންސީ ހާލަތްތަކަށާއި ފަތުރުވެރިކަމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ ދެވޭނީ 10 އަހަރުގެ މުއްދަތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީގައި ދިމާވި ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން ހުއްޓާލާފައިވާ މި ޚިދުމަތް އަލުން ފެށުމަށް ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި ޚިދުމަތް އަލުން ފެށުމުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބި، ޚާއްޞަކޮށް ކުއްލި ހާލަތްތަކުގައި އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން