ޑޮލަރު މާރުކުރުމުގެ ޤަވާއިދަށް ބަދަލު ނުގެންނާނެ ކަމަށާއި ނަމަވެސް، މި ކަމާ ގުޅޭގޮތުން ޤާނޫނީ ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ބޭންކުތަކަށް ޓޫރިޒަމް އިންޑަސްޓްރީން ވަންނަނީ 3% އާއި 10% އާ ދެމެދުގެ އަދަދެކެވެ. މިއީ ވަރަށް ދަށް އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނެއް އެކުލަވާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގަވަރުނަރު ފާހަގަކުރެއްވިއެވެ. މިއީ ބޭންކު ކާޑުގެ ޚިދުމަތް ދެމެހެއްޓުމަށާއި ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭނުންވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރު ފައިސާ މާރުކުރުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުރާ ކަމެއްގެ ގޮތުގައި ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ދިވެހިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގަވަރުނަރު މުނައްވަރު ހާމަކުރެއްވި ގޮތުގައި، ދައުލަތަށް އަހަރަކު 1 ބިލިއަން ޑޮލަރު ލިބޭއިރު، 800 މިލިއަން ޑޮލަރު ތެލަށް ހޭދަކުރެއެވެ. އަދި ބޭރަށް ފުރާ ދިވެހިންނަށް ދޭ 500 ޑޮލަރަކީ ދައުލަތުގެ ރިޒާވުން ދޭ އެއްޗެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ، ޤާނޫނު އެކުލަވާލަނީ އެމްއެމްއޭއަށް ބޭނުންވާ ބާރުތައް ހޯދުމަށް ކަމަށެވެ. އަދި ޤަވާއިދަށް ގެނައި ހަމައެކަނި ބަދަލަކީ ފަތުރުވެރިން ނޫން އެހެން ކެޓަގަރީއެއް އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.