ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ހިންމަފުށީގައި އަލަށް ޤާއިމު ކުރި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ މިއަދު އެނަޖައިޒްކޮށް ކަމިޝަން ކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން މި މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މި އައު ވިއުގައާއެކު ހިންމަފުށީގައި ކުރިމަތިވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކަށް ޑިސްޓްރިބިއުޝަން ނެޓްވޯކު ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
މި އައު ނިޒާމުގެ ސަބަބުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މި ނިޒާމާއެކު، ތިން ޑިސްޓްރިބިއުޝަން ސަބްސްޓޭޝަން ޤާއިމުކުރެވި، ޑިސްޓްރިބިއުޝަން ކެޕޭސިޓީއަށް 1.5 އެމް.ވީ.އޭ. އިތުރުކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ހިންމަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެ، ރަށުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.