އަޅުގަނޑުގެ ޢުމުރަކީ 25 އަހަރެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. ދިރިއުޅެނީ ބައްޕަމެންގެ ގޯތިން ބައްޕައަށް ލިބުނު ތަންކޮޅުން އަޅުގަނޑަށް ލިބުނު ކުޑަކުޑަ ތަންކޮޅެއްގައި ކޮޓަރިއެއް އަޅައިގެންނެވެ.
އެކަނިވެރި މައެއްގެ ގޮތުގައި އިނދެފައި ދައްތަ ނިޔާވިއިރު އޮތް 3 އަހަރުގެ ކޮއްކޮ މިބަލަނީ އަޅުގަނޑެވެ.
އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން 4،5 މީހަކު ވާހަކަ ދައްކައިފިއެވެ. ކޮންމެ މީހަކުވެސް ކަންބޮޑުވަނީ އަޅުގަނޑުގެ ކޮއްކޮ ބަލާތީއެވެ. ދުވަހަކު ކައިވެނި ނުކުރެވުނަސް ކޮއްކޮ ދޫކޮށްލާކަށް ނެތީމެވެ.
އަޅުގަނޑުގެ ސުވާލަކީ ކޮއްކޮއަކު އަޅައިލާނެ މީހަކު ނެތް ނިކަމެތި ކޮއްކޮ ބެލުމަކީ އެހާބޮޑު މައްސަލައަކަށް އެހަދަނީ ކީއްވެގެންތޯއެވެ؟
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮއްކޮ ބަލާތީ ކައިވެނިކުރަން ބޭނުންނުވާ މީހަކާއި ކައިވެނި ނުކުރެވުމަކީ ބޮޑު ރަހްމަތެކެވެ. ދެބެއިން އެކުގައި ބަލައިގަންނާނެ މާހެޔޮލަފާ މީހަކު އަދި ފެންނާނެއެވެ. އިން ޝާ ﷲ ދެން ބުނެލަން އޮތީ ތިއަ ޙާލަތުގައި ކޮއްކޮ ބެލުމަކީ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެ ކަމެއް ކަމަށެވެ. ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވެންދެން ކެތްތެރިވެލާށެވެ!
ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ!
އަޅުގަނޑުމެންގެ މަންމަ ނިޔާވިއިރު އަޅުގަނޑަށް 21 އަހަރެވެ. އަޅުގަނޑު އުޅެނީ ވަޒީފާއެއްގައެވެ. ބައްޕަ ނިޔާވިފަހުން އެކަނި އަހަރުތަކެއްވަންދެން ހުރެފައި ކައިވެނި ކޮށްގެން ލިބިފައިހުރި 3 އަހަރުގެ އަންހެން ކޮއްކޮއަކުވެސް ހުއްޓެވެ. މަންމަ ނިޔާވުމާއިއެކު ދޮންބައްޕަ (ކޮއްކޮގެ ބައްޕަ) ގެއިން ނުކުމެގެން ދިއަގޮތަށް ލޮލަކުން ނުދެކެމެވެ. އެހެންވެ މަންމަ ނިޔާވުމުން ކޮއްކޮގެ މަންމައަކަށްއަދި ބައްޕައަކަށްވެސް ވާންޖެހުނީ އަޅުގަނޑަށެވެ.
އެހިސާބުން އޮފީހަށްދާން އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް އޮފީހަށް ނުގޮސް ދިރިއުޅެވޭނެ ގޮތެއްވެސް ނެތެވެ. ކޮއްކޮ އެކަނި ގޭގައި ބަހައްޓާފައި ތަޅުލާފައި ދާންޖެހޭތީ ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ދާންޖެހެނީ ތަޅުލައިފައެވެ. މުސާރަދީގެން ކޮއްކޮ ބަލައިދޭނެ މީހަކު ގެންގުޅެވޭ ވަރުގެ މުސާރައެއް ނުލިބޭތީ ހެދޭނެ އިތުރު ގޮތެއް ނެތުމުންނެވެ.
ކޮންމެ ފަހަރަކު ގެތަޅުލާފައި ނުކުންނަނީ ދުޢާކޮށް ޛިކުރުކޮށްފައެވެ. އެހެންކަމުން ﷲ ތަޢާލާ ރަނގަޅު ގޮތެއް މިންވަރުކުރައްވަވާނެ ކަމަށް އަބަދުވެސް ހުންނަނީ ޔަޤީންކޮށްގެންނެވެ.
އެންމެ ބޮޑަށް ދެރަވަނީ ކައިވެނިކުރަން ބޭނުންވާ މީހުންވެސް ކޮއްކޮ ހުރުމުން އެއީ ތަކްލީފެއްކަމަށް ދެކި ދުރުވާތީއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު ނިންމީ އެންމެ މުހިންމު ކަމަކީ ކޮއްކޮ ބެލުން ކަމަށެވެ.
ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް 4 މީހުން ކައިވެނިކުރަން ބޭނުންވެގެން ވާހަކަދައްކާފައި ކޮއްކޮ ފެނުމުން ދުރުވިއެވެ. އެހެންވެ ފަހުން ހަދާގޮތަކީ ކޮންމެ މީހަކު ގާތުވެސް ފުރަތަމަ ކޮއްކޮގެ ވާހަކަ ބުނަނީއެވެ.
އެހެން ހުއްޓައި ބައްދަލުވިމީހަކު ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން ދިރިއުޅުންހުރިގޮތް ކިޔައިދީފައި ކޮއްކޮގެވާހަކަވެސް ކިޔައިދިނީމާވެސް ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން ގެއިން ބައްދަލުކުރީމެވެ. އޭނާއަށް ކޮއްކޮ ފެނުމުން ބުނީ ކޮއްކޮއަކީ ދޮށީ ދަރިފުޅު ކަމަށްބަލައިގެން އުޅޭނީ ކަމަށެވެ. އެއިރުން މަންމައަކު ނެތް ، ބައްޕަ އަޅައިނުލާ ކުއްޖަކު ބެލިކަމުގެ ޘަވާބުވެސް ދެއްވަވާނެ ކަމަށާއި އިރާދަކުރައްވަވާނީ ކިހައި ރަނގަޅު ގޮތްތަކެއްކަން ނުވެސް އެނގޭނެ ކަމަށެވެ.
ކޮންމެއަކަސް ދެމީހުން ކައިވެނިކުރީއެވެ. އޭނާވީ ކޮއްކޮދެކެ ވަރަށް ލޯބިވާ މީހަކަށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައިނަމަވެސް ކޮއްކޮ އާއިއެކު ކުޅެން ވަޤުތުކޮޅެން ހޭދަނުކޮށް އެއްވެސް ކަމެއްވެސް ނުކުރާނެއެވެ. އަދި ކަވެނިކުރުމާއިއެކު ކޮއްކޮ ބަލަން ނޭޕާލް، މުސްލިމް އަންހެންކުއްޖަކުވެސް އޭނާގެ ޚަރަދުގައި ގެނެސްދިނެވެ.
އޭނާއަކީ އެހައި ވާހަކަ ގިނަ މީހެއް ނޫނެވެ. އޭނާކުރާ މަސައްކަތަކީ ޢިމާރާތްކުރުމުގެ ވިޔަފާރިއެވެ. ކައިވެނީގެ 2 ވަނަ އަހަރު އެއްރޭ ގެއަށް އައިސް ބުންޏެވެ. "ކޮއްކޮ ގޮވައިގެން އަވަހަށް ޢުމްރާއަކަށްދަމާ ހިނގާށެވެ. މަސައްކަތްކުރާތާ 7 އަހަރުވީއިރު އެއްވެސް އަހަރަކު ފައިދާނުވާވަރަށް މިއަހަރު ފައިދާވެއްޖެއެވެ. އަހަރެން ޤަބޫލުކުރަނީ އެއީ ލޯބިވާ އަނބިމީހާ އާއި މިކޮއްކޮގެ ބަރަކާތުން ކަމަށެވެ."
ކުރުކޮށްލާނަމެވެ. އުފާވެރި ޒަވާޖީ ހަޔާތެއް ވޭތިކުރަމުން އައިސް ދެމީހުންނަށް ދަރިންލިބި އެދަރިންވެސް ކިޔަވައި ހުރިހާ ދަރިންވެސް އެތިބީ ވަޒީފާގައެވެ. ފިރިމީހާއަށް މަސައްކަތު ނުކުންނާކަށް ނުޖެހެއެވެ. ބޯޑުމީޓިންގއަކަށް ނޫނީ ނުދެއެވެ. ކުންފުނި ހިންގަނީ ދަރިންނާ މުވައްޒިފުންނެވެ.
ބައަކަށް ބިރަކަށްވި އެކޮއްކޮއަކީ މިހާރު ޑޮކްޓަރެކެވެ. ހަމަ ފިރިމީހާގެ މަސައްކަތުންނެވެ. ފިރިމީހާއަކީ މިހާރު ބަލިމީހެކެވެ. ފިރިމީހާގެ ހުރިހާ ކަންކަން ބަލަހައްޓަނީ ކޮއްކޮއެވެ. އަހަރެމެންގެ ދަރިންނަށްވުރެ ދެމަފިރިންނަށްވެސް ކޮއްކޮ މާރަނގަޅުކަމަށް މިބުނަނީ ދަރިން ގޯސްވެގެނެއް ނޫނެވެ. ދަރިންނަށްވެސް ހަމަ އޭރިޕޯޓެކެވެ. އެކަމަކު ކޮއްކޮއަށް އޭ ޕްލަސް ދޭންޖެހެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަ ކިޔައިދިނުމުގެ ބޭނުމަކީ ދަރިއަކު ހުރީތީ، ނުވަތަ ބަލްނަޖެހޭ ކޮއްކޮއަކު ހުރީތީ ކައިވެނިކުރަން ބުރަވާ މީހުންނަށް ފިލާވަޅެއްގެ ގޮތުންނެވެ. އެއީ ލެއްވެވި ރަޙްމަތެއް ކަމުގައި ބަލައިގެން އެދަރިން ގެންގުޅެ ބޮޑުކުރުމަކީ ﷲ ތަޢާލާގެ ރަހްމަތް އެމީހަކަށް ލިބިގެންދާނެކަމެއްކަމަށް ޤަބޫލުކުރުމުގެ ނަތީޖާއަކަށް ފިރިމީހާއަށް ލެއްވެވި ރަޙްމަތް ފުދޭނެ ކަމަށް ހީކުރަމެވެ.
--ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް