މިފްކޯއިން މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިފްކޯއިން މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2024 ވަނަ އަހަރުގެ ޖަނަވަރީ 15 އާ ދެމެދު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްތަކަށް މަސްވެރިން ކިރުވާފައިވާ 50,588 މެޓްރިކް ޓަނުގެ މަހަށް ދައްކާފައިވާ ފައިސާއެވެ.

މިފްކޯގެ ފަރާތުން ދެއްވި މަޢުލޫމާތުގައި، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްތަކަށް މަސްވެރިން ކިރުވާފައިވާ މަހުގެ ފައިސާ މިހާރު ވަނީ ދައްކާ ނިމިފައެވެ. އަދި ފެލިވަރު ފިޝަރީޒް ކޮންޕްލެކްސްއަށް ކިރުވާފައިވާ މަހުގެ ފައިސާ ދެމުންދާކަމަށް ވެސް ބުނެފައިވެއެވެ. މިހާރު ބެކްލޮގްގައި ހުރީ 30 މިލިޔަން ރުފިޔާ ކަމަށް މިފްކޯއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މިހާރުގެ ސަރުކާރު އައިއިރު މަސްވެރިންނަށް ދައްކަން އޮތް 250 މިލިޔަން ރުފިޔާ މިހާރު ވަނީ ދައްކާ ނިމިފައިކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި މަސްވެރިންނަށް މަސް ކިރުވާތާ 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ފިޔަވަޅުތަކަކީ މަސްވެރިންގެ ދިރިއުޅުމަށް ފަހިކަމެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.                     

މިއަދު އޮންލައިން