އައު ޓާމިނަލްގައި ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެ: ގަވަރުނަރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އައު ޓާމިނަލްގައި ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެ: ގަވަރުނަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގައި ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މިއީ ވިޔަފާރިތަކަށާއި އިންޑަސްޓްރީއަށް ބޭރުފައިސާ މާރުކުރުން ފަސޭހަކުރުމަށް ގެނެވޭ ބަދަލެއް ކަމަށެވެ. އަދި މިއީ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރާ އުސޫލެއްކަން ފާހަގަކުރެއްވިއެވެ.

"މި ބަދަލާއެކު ބޭންކުތައް ޖަވާބުދާރީކުރުވުމަށް ހާމަކަން ބޮޑު ނިޒާމެއް ޤާއިމްކުރެވޭނެ. އަދި ބޭރުފައިސާ އެންމެ ބޭނުންވާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު ލިބޭކަން ކަށަވަރުކުރެވޭނެ," ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ބޭރުފައިސާގެ މުޢާމަލާތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ފަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ބޭރުފައިސާ މާރުކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިދިނުންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ނިޒާމުގެ ދަށުން، އެއަރޕޯޓުގެ އައު ޓާމިނަލްގައި ހުރިހާ ބޭންކުތަކެއްގެ ފޮރިން އެކްސްޗޭންޖް ކައުންޓަރުތައް ހުންނާނެކަމަށާއި، މިކަމުގެ ސަބަބުން ބޭރުފައިސާގެ މާރުކޭޓަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާނެކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.                     

މިއަދު އޮންލައިން