މޯލްޑިވްސް އިމިގްރޭޝަންގެ 5 މުވައްޒަފަކު ޤާނޫނާއި ގަވާއިދާ ޚިލާފަށް ބިދޭސީންނާ ގުޅުންހުރި ކަންކަން ކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހާރު ދަނީ ފުލުހުން މެދުވެރިކޮށް ތަޙުޤީޤު ކުރެވެމުންނެވެ.
ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި، އެ ފަރާތްތަކުގެ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ. "ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ޙުރުމަތް ކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާފައި." ވަޒީރު އިހުސާން ވިދާޅުވިއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަޙުޤީޤު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ.