ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުވެފައި ހެދުން އަޅާ ގޮތް ކަޓް ނަމަވެސް އަންހެނުން ތިބެން އެންގެވި ގޮތުގަ ޘާބިތުވި އަންހެނަކު ރޭހުން މޮޅުވެ ތަނަވަސް ޒުވާނެއްގެ ކައިވެނި ކާމިޔާބުކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުވެފައި ހެދުން އަޅާ ގޮތް ކަޓް ނަމަވެސް އަންހެނުން ތިބެން އެންގެވި ގޮތުގަ ޘާބިތުވި އަންހެނަކު ރޭހުން މޮޅުވެ ތަނަވަސް ޒުވާނެއްގެ ކައިވެނި ކާމިޔާބުކުރެވުނު ގޮތުގެ ވާހަކަ-

އަޅުގަނޑުމެން ސްކޫލްވެސް ކޮލެޖްވެސް ނިންމީ އެކުގައެވެ. އެކުގައި އެހައި ގިނަ ދުވަސްތަކެއްވަންދެން އުޅެވުމުން އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތެވެ. އަޅުގަނޑުމެންގެ ތެރެއިން އެއް ޒުވާނަކީ ވަރަށް ތަނަވަސް މީހެއްގެ ދަރިއެކެވެ.  

ކޮލެޖް ނިންމައި ޕީއެޗްޑީއަށް ކިޔަވަން އޭނާ ދިއައީ މެލޭސިޔާއަށެވެ. ކިޔަވައި ނިމިގެން ރާއްޖެ އައިރު އެކުގައި އުޅުނު ގްރޫޕުން ކައިވެނިނުކޮށްތިބީ 3 އަންހެންކުދިންނެވެ. ހިތުގައި ސިއްރުކޮށްފައި ބޭއްވި ނަމަވެސް 3 ކުދިންވެސް ބޭނުންވެގެން ތިބީ އެޒުވާނާ އާއި ކައިވެނިކުރުމަށެވެ. އެއީ ކޮންމެހެން އޭނާގެ ތަނަވަސްކަމަކުން ނޫނެވެ. އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ހިތްހެޔޮ އަދި މަޑުމައިތިރިކޮށް އުޅޭ ވަރަށް އެކުވެރި މިޒާޖެއްގެ ޒުވާނަކަށްވާތީއެވެ.  

ކޮފީއަށާއި ކެއުންތަކަށް އެކުގައި ގޮސް އުޅެމުއެވެ. ހުރިހާ އެކުވެރިންވެސް ތިބީ ވަޒީފާގައިކަމަށްވުމުން އެންމެންވެސް ޚަރަދުކުރެއެވެ. ތަންތަނަށްދާއިރު އަޅުގަނޑު ނޫން އަނެއް ދެއެކުވެރިން ލައި އުޅެނީ އެންމެ ޒަމާނީ ހެދުންތަކެވެ. ނަމަވެސް އަޅުގަނޑު ލައި އުޅުނީ ބޮޑު ހެދުން މިކިޔާ ހެދުމެވެ. ހަށިގަނޑުގެ ވަނާތައް ހާމަނުވާނެ ހެދުމެވެ. އެއީ ބުރުގާ އެޅިނަމަވެސް ވަނާތައް ހާމަވާނަމަ ބުރުގާ އެޅުމުގެ ފައިދާ ނުކުރާނެކަމަށް ޢިލްމްވެރިން ވިދާޅުވާތީއެވެ.  

ތަންތަނަށް ގޮސްތިބޭއިރުވެސް އެންމެ މަޑުން އިންނަނީ އަޅުގަނޑެވެ. އެންމެ މަދުން ވާހަކަދައްކަނީވެސް އަޅުގަނޑެވެ. އެހެންވެ ބައެއް އެކުވެރިން އަޅުގަނޑު ފާހަގަކުރަނީ އެންމެ ކަޓް މީހާގެ ގޮތުގައެވެ. އެޒުވާނާ އެކަން ފާހަގަކުރާ ގޮތެއް ނުއެނގެއެވެ.  

އެއްރޭ ހުޅުމާލޭ ބީޗްސައިޑްގައި ހުރި ރެސްޓޯރަންޓެއްގައި ކާން ތިބެފައި އެޒުވާނާ އަޅުގަނޑުގެ ފޯނަށް މެސެޖެއް ކުރިއެވެ. "އޭ! މައެބަ ބޭނުންވޭ ވަރަށް ހޫނު ވާހަކައެއް ބުނަން! ބުނިއްޔާ ހުޅު ހިފާނެތަ؟" ޖަވާބުގައި އަޅުގަނޑު މެސެޖްކުރީމެވެ. "ވާހަކަ ބުނުމަކީ ހުޅުހިފާކަމެއްތަ؟ ހުޅުހިފާނީ އަލިފާން ޖެއްސީމަ ނޫންތަ؟ ހެހެ!"  

އެރޭ އެހިސާބުން ނިމުނީއެވެ. އިތުރު ވާހަކައެއް ނުދެކެވެއެވެ. އަނެއް ދުވަހު އޭނާ ގުޅާފައި އެކަނިހުރިކަން ޔަޤީންކޮށްފައި ބުނީ އޭނާ އެކަނި ނުހުރެ ލޯބިވެރިއަކު ހޯދައިގެން ކައިވެނިކުރަން މަންމަމެން ޕްރެޝަރުކުރާތީ ކައިވެނިކުރަން ބޭނުންވާ ކަމަށާއި ކައިވެނިކުރަން ބޭނުންވަނީ އަޅުގަނޑާއި ކަމަށެވެ.  

ޖަވާބުގައި އަޅުގަނޑު ބުނީ އަޅުގަނޑާއި ބެހޭ ގޮތުން ނުއެނގޭނެ ކަމެއް ނޯންނާނެތީ އިތުރަށް ބުނާނެ ވާހަކައެއް ނެތްކަމަށާއި އަޅުގަނޑުގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރާނަމަ ކައިވެނިކުރަން ތައްޔާރަށް ހުރިކަމަށެވެ.  

ކުރުކޮށްލާނަމެވެ. ކައިވެނި ކުރެވިއްޖެއެވެ. ހަނީމޫނުވެސް ނިމިއްޖެއެވެ. އެހިސާބުން އަޅުގަނޑު ފިރިމީހާ އާއި ސުވާލުކުރީމެވެ. އަނެއް 2 އެކުވެރިންވެސް ތިބީ ކުރިމަތިލައިގެންކަން އެނގޭއިރު 3 އަންހެނުންގެ ތެރެއިން އަޅުގަނޑު ޚިޔާރުކުރީ ކީއްވެގެންތޯއެވެ.  ރީތީވެސް އެދެ ކުދިން ނޫން ހެއްޔެވެ؟

ފިރިމީހާގެ ޖަވާބަކަށްވީ ރީތި މަންޒަރު ބެލުމުން ހިތަށް ހަމަޖެހުން ލިބުނަސް ދިރިއުޅުމުގައި ހިތްހަމަޖެހުން ލިބޭނީ އަނބިމީހާގެ ހަރުދަނާކަމާއި އަޚްލާޤުން ކަމަށެވެ. އަދި ފިރިމީހާވެސް އަނބިމީހާވެސް ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވާވަރަކުން ކަމަށެވެ. އެސިފަތައް ބޮޑަށް ހުރީ އަޅުގަނޑުގެ ކިބައިގައިކަން ޔަޤީންކުރެވޭތީ އަޅުގަނޑާއި ކައިވެނިކުރީ ކަމަށެވެ.  

ކޮންމެއަކަސް ކައިވެނިކުރުމުން ފިރިމީހާގެ ބައްޕަ ފިރިމީހާއަށް އަމިއްލަ ދިރިއުޅުމެއް ހޯދައިދޭން ނިންމައި މަސައްކަތްކުރާނެ ކުޑަ ކެޕިޓަލެއް ދިނެވެ. 8 އަހަރުވީއިރު ފިރިމީހާ ކުރަންފެށި މަސައްކަތުގައި ކުރިއަރައިގޮސް މިހާރު ޢާއިލާ ދިރިއުޅެމުން މިއަންނަނީ ދުބާއީގައެވެ. ވިޔަފާރި ކުރަނީ ބޭރުގެ ބޮޑެތި ކުންފުނިތަކާއިއެކުގައެވެ. ފިރިމީހާގެ ދުބާއީ ޕާޓްނަރެއް ހުރެއެވެ. ޝައިޚް ފިރިމީހާއަށް ވަރަށް އިތުބާރުކުރެއެވެ. އަލްޙަމްދުލިﷲ  

އަޅުގަނޑުމެންގެ އެކުވެރިންނަކީވެސް އެކިވަރުގެ ވިޔަފާރިކުރާ މީހުންނެވެ. އެއެންމެންނަސްވެސް ފިރިމީހާ އެއްބާރުލުންދީ އެހީތެރިވެއެވެ. އެހެންވެ އަޅުގަނޑުމެންގެ މެދުގައި އަދިވެސް ވަރަށް ގާތް ގުޅުމެއް އެބަ އޮތެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރި ބޭނުމަކީ ހަރުދަނާ ފިރިހެނަކު ނަމަ ކައިވެނިކުރަން ބޭނުންވާނީ ފިރިމީހާ އެބުނިފަދަ އަންތބަކާއިކަމަށް ބުނެލުމެވެ. އިތުރަށް އެއްވެސް ވާހަކައެއް ބުނާކަށް ނެތީމެވެ.

 

- ނަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން