ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވޭ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" މަހާސިންތާ މިއަދު ފަށައިފިއެވެ.
މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުހައްމަދު ލަތީފެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި މަހާސިންތާގައި، ދިވެހި ޤައުމިއްޔަތާ ގުޅުންހުރި 9 ޢިލްމީ ކަރުދާސް ހުށަހެޅޭނެކަމަށް ކަމަށާއި އަދި މި މަހާސިންތާގެ މަޤްޞަދަކީ ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ޢިލްމު ހިއްސާކޮށް، ދިވެހިންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި ކަނޑުވެރިކަން ކުރިއެރުވުން ކަމަށް ދިވެހިބަހާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި، މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުން އަހަރަކު ދެފަހަރު ބާއްވާ ޢިލްމީ ބައްދަލުވުމެކެވެ. އަދި މިއީ ދިވެހި ވަންތަކަމާއި ތާރީޚަށް ޢިލްމީ ނަޒަރަކުން ބަލާ ފެށުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަހާސިންތާގައި ދިވެހިންގެ އަމިއްލަވަންތަކަން، ތާރީޚު، ތަރިކަ އަދި އަސްލުތަކަށް އަލިއަޅުވާލެވޭނެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މުހިންމު މަހާސިންތާއެއް،" ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފަށް ދިވެހި ޤައުމިޔަތުގެ ދަރުބާރުގެ ރަމްޒު ވަނީ އަރުވާފައެވެ.
މި މަހާސިންތާގައި ދިވެހި ޤައުމިއްޔަތާ ގުޅުންހުރި އެކި ދާއިރާތަކުގެ މާހިރުންނާއި، ތާރީޚުވެރިންނާއި، އަދި ދަރިވަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.