މިއީ ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިވެ ﷲ ގެ ޙަޟްރަތުން ވާގިއެދުންމަތީގައި ހުރުމަށް ހިތްވަރުދީ މިއަދުނޫހުގައި ލިޔަމުން ގެންދާ ދަރުސްތަކާއި ފިލާވަޅުތަކުން ކޮންމެ ކިޔުންތެރިއަކަށްވެސް ވަރަށް ރަނގަޅު ފިލާވަޅަކަށް ފުދޭނެ ވާހަކައެކެވެ.
އޭނާއަށްވުރެ 15 އަހަރު ދޮށީ ފިރިއަކު ކުރަމުން އައި އަނިޔާތަކަށް އޭނާ 20 އަހަރު ކެތްތެރިވިއެވެ. ނަތީޖާއަކަށްވީ 6 އަހަރު ހަގު ހެޔޮލަފާ ނަމޫނާ ފިރިއަކު ލިބުމުގެ އިތުރުން ތަނަވަސް ދިރިއުޅުމެއްވެސް ލިބުމެވެ.
ބޭނުމަކީ އަނިޔާ ލިބޭނަމަ އަނިޔާއަށް ކެތްތެރިވެގެން އިނުމަށް ބުނުމެއް ނޫނެވެ. މީހާ ހަފިސްވަންދެން ކެތްތެރިވުމެއް ނެތެވެ. އެއިގެ ކުރިން ސަލާމަތްވާން މަސައްކަތްކުރަންވާނެއެވެ. ބޭނުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލައި ޘާބިތުވީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެކަމަށް ބުނުމެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
- މިއަދުނޫސް
ދައްކަން މިޖެހެނީ ދައްކަން ވަރަށް ދަތި އުނދަގޫ ވާހަކަތަކެކެވެ. އަމިއްލަ ދިރިއުޅުމުގެ ތެރެއިން ދައްކައިގެން ނުވާނެ ވާހަކަތަކެކެވެ. ނަމަވެސް ނުދައްކައި ހުރެވެން ނެތް ވާހަކަތަކެކެވެ. ކިޔުންތެރިން ވިސްނައިގެން ކިޔައިލާށެވެ.
އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 20 އަހަރުގައެވެ. ކައިވެނިކުރީ މައިންބަފައިން ދެއްކި މީހަކާއެވެ. އަޅުގަނޑަށްވުރެ 15 އަހަރު ދޮށީ މީހެކެވެ. ނަމަވެސް ތަނަވަސް މީހެކެވެ. ތެދަށް ބުނާނަމަ އޭނާއަށް އަޅުގަނޑު ވިއްކައިލީއެވެ. ނޫންނަމަ އޭނާއަށް ލިބިފައިވާ ތަނަވަސްކަމުގެ ބޭނުންކޮށްގެން އަޅުގަނޑު ގަތީއެވެ. މިދެގޮތުންކުރެ ކޮންމެ ގޮތެއްވީނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އަޅުގަނޑަށް ނުކުންނަ ނަތީޖާ ހަމަ އެއްގޮތެވެ.
ކައިވެނިކުރީންސުރެ އަޅުގަނޑަކީ ފުރިހަމަ އަޅެކެވެ. ތަފާތަކީ އަނބިމީހާ ކަމެވެ. ވީމާ އަޅުއަނބި ކިޔައިފިނަމަ ފުރިހަމަވާނެއެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އަނިޔާ ލިބެމުންދާ ދުވަހެކެވެ. ތަޅައި އަނިޔާކުރަނީ ވަރަށް މަދުންނެވެ. ނަމަވެސް ލޮލަށް ފެންނަ ކޮންމެ ފަހަރަކީވެސް ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނެ ހިތުގައި ޖައްސުވާ ފަހަރެކެވެ. ކުޑަ ދުވަސްކޮޅެއް ނޫނެވެ. ކައިވެނީގައި 20 އަހަރު ހޭދަކުރަންޖެހުނީ އެފަދަ ޙާލެއްގައެވެ.
ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާއަށްވެސް ދަސްވީ އޭނާގެ ބައްޕަގެ ގޮތެވެ. އަޅުގަނޑަކީ މަންމައެއް ކަމަކަށް ނުބަލައެވެ. އަޅުގަނޑާއިމެދު ކަންކަންކުރަނީ ހަމަކުރާނެ ގޮތަކަށެވެ. ބުނަނީ ބުނާނެ އެއްޗެކެވެ.
އެއީ އަޅުގަނޑަށް 40 އަހަރު ފުރުނު ދުވަހެވެ. 2 ދުވަސްފަހުން ކައިވެންޏަށް 20 އަހަރު ފުރޭނެއެވެ. ދުވަހަށް ބަލައިފިނަމަ ކިހައި ރީތި ދުވަހެއްތޯއެވެ؟ ނަމަވެސް ޣައިބުގައިވާ ކަންކަން ނުއެނގޭތީ އަޅުގަނޑަށް އެދުވަސްވިސްނުނީ އެންމެ ކަޅު ދުވަހުގެ ގޮތުގައެވެ. އެއީ އެދުވަހު އަޅުގަނޑު ވަރިކުރުމުންނެވެ.
ވަރިކުރި ވާހަކަ ބުނީމާ ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. ދެން ހިނގައި ގަނެވިއްޖެއެވެ. ކޮޓަރިއަށް ވަދެ ލާންގެންގުޅޭ (އަތުގައި އޮތް) 2،3 ހެދުން ކޮތަޅަކަށް ލައިގެން ނުކުމެ ހިނގައިގެންފީމެވެ. ރޭގަނޑު 10 ޖަހައި އެހައިކަންހާއިރެވެ. ހިނގައިގަތީ ދާނެ އެއްވެސް މަންޒިލެއް ވިސްނައިގެނެއް ނޫނެވެ. ހިތުގައި އޮތް ހަމައެކަނި ކަމަކީ އެނބުރި މައިންބަފައިންގެ ގެއަށް ނުދާނެ ކަމެވެ.
ތަންކޮޅެއް ހިނގިތަނާ ޖަލާލުއްދީން މިސްކިތް ކައިރިން ޗާންދަނީ މަގަށް ނުކުމެވިއްޖެއެވެ. އެހިސާބުން ޖުމްހޫރީ މައިދާނާއި ދިމާއަށް މިސްރާބުޖެހީމެވެ. މަންޒިލަކީ ބަނދަރުމަތިކަމަށް ކަނޑައެޅީމެވެ. ވިސްނީ އެރޭ ފުރާ ބޯޓެއް އޮޑިއެއް ފަދަ އެއްޗަކަށް އަރައިގެން އެއުޅަނދެއް ދާ ރަށަކަށް ދިއުމެވެ.
އަޅުގަނޑުގެ އަތުގައި އޮތީ 1000 ރުފިޔާއެވެ. އެއީ އެއިގެ 6 އަހަރުކުރިން ފިރިމީހާ ގެއަށް ގެނެސް ބައްދަލުކުރަމުން އައި އޭނާގެ އެކުވެރިއަކު ދިރިއުޅުން އިންޑިއާއަށް ބަދަލުކުރަމުން އަޅުގަނޑަށް ދިން 1000 ރުފިޔާއެވެ. ދީފައި އޭނާބުނީ ކޮންމެހެން ބޭނުމެއް ޖެހޭ ވަގުތަކު ބޭނުންކުރަން އަތުގައި ރައްކާކޮށްފައި ބޭއްވުމަށެވެ. އެހެންވެ 6 އަހަރުވީއިރުވެސް ބާއްވައިގެން ހުރީއެވެ.
ޖުމްހޫރީމައިދާނާއި ހަމައަށް ދެވުނުއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ. މޭތެޅޭހެންވެސް ހީވާންފަށައިފިއެވެ. އެހެންވެ ކަމެއްވާން އުޅެނީހެން ހީވެގެން ބިރުން ޕާކުގަ ހުރި ގޮނޑިއެއްގައި އިށީނީމެވެ. އިށީނދެފައި ދެއަތް އުފުލައި ދުޢާކުރީމެވެ!
"ޔާ ﷲ! މިއަޅާގެ ޙާލު އިނބަﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ. މިއަޅާއަށް މިވަނީ ދަތިޙާލެއް މެދުވެރިވެފައެވެ. މިއަޅާއަށް ރަޙުމްކުރައްވަވާނދޭވެ! އިނބަ ﷲ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ."
އެހައި ބޮޑަކަށް ޔަޤީނެއް ނޫނެވެ. މިދުޢާއަޅުގަނޑަށް ދަސްވެފައި އޮންނަނީ ރަސޫލު ބޭކަލަކު، އެބޭކަލަކާއި އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި ޙާލުކޮޅުގައި ކުރެއްވެވުމުން ވަޤުތުން ޢިޖާބަކުރެއްވެވި ދުޢާއެއްގެ ގޮތުގައެވެ. ނުވަތަ އެދުޢާ އާއި ވަރަށް އެއްގޮތް ދުޢާއެއްގެ ގޮތުގައެވެ.
(މޫސާގެފާނު ކުރެއްވެވި ދުޢާ:'
رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ
"--އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ." (އަލް ޤަޞަޞް: 24)
- މިއަދުނޫސް
އެއީ ވަރަށް ހަނދުވަރު ރީތިރެއެކެވެ. މާލޭގެ އަލިގަދަކަމުން ހަނދުވަރުގެ ރީތިއަލި ނުފެނުނު ނަމަވެސް އުޑުމަތިފެނުމުން ހިތްހަމަޖެހުން ލިބުނެވެ. އެއިރު ހަނދު މެދުޖެހެނީއެވެ. އެހެންވެ ދުޢާކޮށްފައި ހަނދަށް ބަލަހައްޓައިގެން އިނީމެވެ. އަޅުގަނޑަކީ އަބަދުވެސް ހަނދުވަރަށް ލޯބިކުރާ އަންހެނަކީމެވެ. އެލޯބި ތަޖުރިބާކޮށްލާނެ ފުރުޞަތު ކުރިން ނުލިބުނީއެވެ.
ހަނދަށް ބަލަން އިންދައި ފިރިހެނަކު ކުޑަ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކު ގޮވައިގެން އައިސް އެގޮނޑީގެ އަނެއްކޮޅުގައި އިށީނދެފައި އުނގަށް ދެކުދިންލާފައި އޭނާގެ އަތުގައި އޮތް ކޮތަޅަކުން ޕެކެޓާއި ބިސްކޯދު ނަގައި އެކުދިންނަށް ކާންދޭން ފަށައިފިއެވެ. ހީވާ ގޮތުން އެއީ 4 ،6 އަހަރުވަރުގެ ދެ ކުދިންނެވެ. އެމީހާވެސް ޕެކެޓެއް ބޮމުން އަޅުގަނޑަށްވެސް ޕެކެޓެއް ދިއްކޮށްލިއެވެ. ބަނޑުހައިވެފައި އިންވަރުން އެއިގައި ހިފީމެވެ.
އިރުކޮޅަކު އިނދެފައި އަޅުގަނޑު އެކަނި އެތަނުގައި އިނީ ކީއްވެގެންތޯ ސުވާލުކުރުމުން އަޑުއަހައިލާނެ ވަގުތު އޮތްތޯ އަހައިލުމަށްފަހު އަޅުގަނޑުގެ ޙާލު ކިޔައިދިނީމެވެ. ކިޔައިދީ ނިމުމުން އޭނާ ބުންޏެވެ. "މިރޭ އަދި ފުރަން ނުއުޅެ އަހަރެމެންނާއިއެކު ގެއަށް ހިނގައިބަލާށެވެ. ގެއަށް ގޮސް ތިބެގެން ވާހަކަ ދައްކާނީއެވެ. ހުންނާނެ ކޮޓަރިއެއް ދައްކާނަމެވެ. ކާންބޯންދޭނަމެވެ. ބަލިވެއްޖިއްޔާ ބަލާނަމެވެ. ގޭގައި އުޅެނީ އަހަރެމެން 3 ބަފައިންނާއި އަހަރެންގެ މަންމައާއި ބައްޕައެވެ. ވީމާ ބިރުގަންނާކަށްވެސް ނުޖެހޭނެ ނޫން ހެއްޔެވެ؟"
އަޅުގަނޑު އެ 3 ބަފައިންނާއިއެކު ދިއައީއެވެ. އެއިރު އޭނާގެ މަންމަ އާއި ބައްޕަ ތިބީ ނިދައިފައެވެ. އަޅުގަނޑަށް ކޮޓަރިއެއް ދެއްކިއެވެ. ފެންވަރައި ތާހިރުވާނެ އެއްޗެތި ދިނުމުން ފެންވަރާލައިގެން ޢިޝާ ނަމާދުކޮށްލައިގެން ކޮޓަރިން ނުކުތްއިރު އޭނާ އިނެވެ.
އަޅުގަނޑު ގޮސް އިށީނުމުން ބުންޏެވެ. "ކަލޭވެސް ރަނގަޅަށް އަޑުއަހާށެވެ. އަހަރެންގެ ނަމަކީ އަހްމަދުއެވެ. ޢުމުރުން މިއީ 34 އަހަރެވެ. ވަޒީފާ އަދާކުރަނީ އަމިއްލަ ކުންފުންޏެއްގައެވެ. ކުރީރެއަކީ އަހަރެމެންގެ ކައިވެންޏަށް 10 އަހަރު ފުރުނު ރެއެވެ. އަނބިމީހާ ވަނީ މީގެ އެއް އަހަރުކުރިން ވަރިވެގެން ގޮސްފައެވެ. ތަނަވަސް މީހަކު ލިބުމުން 2 ދަރިންވެސް ދޫކޮށްލާފައި ދިއައީއެވެ.
އޮފީހުން އައިސް މިރެއަކީ ހުކުރުވިލޭރޭ ކަމަށްވީމާ މާދަން ސްކޫލަށް ގެންދަން ނުޖެހޭނެތީ ކުދިން ގޮވައިގެން ނުކުމެލީއެވެ. އިރާދައިގައި ހުރީތީ ދެ މީހުން ބައްދަލުވީއެވެ. މިގޭގައި މަޑުކޮށްލައިދޭށެވެ. މަންމަ އާއި ބައްޕައަކީ މުސްކުޅިންނެވެ. އެދެމީހުން އުޅެނީ ގަދަވެ ހެޔޮ ޙާލުގައެވެ. ވީމާ މުސްކުޅިނަމަވެސް މާބޮޑު ބުރައެއް ނުޖެހޭނެއެވެ. ބުރައަކަށް އޮންނާނީ ދެ ދަރިންގެ ކަންތަކެވެ. މަންމަވެސް އެހީވާނެއެވެ. އަހަރެންގެ ކަމެއް ކޮށްނުދިނަސް އެންމެ ރަނގަޅެވެ. އަހަރެންގެ ކަންކަން މިހާރުވެސް ކުރަނީ އަމިއްލައަށެވެ.
އަގެއްވެސްދޭނަމެވެ. ގޭގެ ކަންކަން ބަލަހައްޓައިލަދީގެން އިނދެދޭށެވެ. އަހަރެން ގޯސްވެއްޖިއްޔާ ނުކުމެގެން ދެވިދާނެ ނޫން ހެއްޔެވެ؟"
އެހެން ގޮތެއް ނެތިފައި އިން އަންހެނަކަށްވުމުން އޭނާ ބުނި ކަންކަމަށް އެއްބަސްވެ އެގޭގައި ކުދިން ބަލަން އިނީމެވެ. އޭނާގެ މަންމައާއި ބައްޕައަށްވެސް ވަރަށް ހެޔޮކޮށް ހިތީމެވެ. އަދި އޭނާގެ ކަންކަންވެސް ކޮށްދިނީމެވެ. މަސް ނިމުމުން 2000 ރުފިޔާ ދިނުމުން ނުހިފަމެވެ. ބުނީ އޭނާގެ އަތުގައި ބެހެއްޓުމަށެވެ. ބޭނުންވީމާ ބުނާނެ ކަމަށެވެ.
އެގޭގައި އިންނަތާ އަހަރާއި ދެމަސްވަރުވީތަނާ އެއްރެއަކު ވާހަކައެއް ބުނަން ބޭނުންކަމަށް ބުނެފައި ބުނީ އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އެހެންބުނުމުން އަޅުގަނޑަކީ އޭނާއަށްވުރެ 6 އަހަރު ދޮށީ އަންހެނެއްކަމަށްވުމުން މާއަވަހަށް މުސްކުޅިވާނެކަމަށް ބުނީމައި އޭނާ ބުނީ ކައިވެންޏަށް މިއެދެނީ އެކަން އެނގިހުރެ ކަމަށެވެ. އޭނާގެ 2 ދަރިންނަށް އަޅުގަނޑު ރަނގަޅުކަމުން ގޮތް ނުއެނގޭ އަންހެނަކު ގެއަށް ގެންނަން ބޭނުންނުވަނީ ކަމަށެވެ. އަދި ކައިވެންޏެއް ނުކޮށް ހުންނަންވެސް އުނދަގޫވަނީ ކަމަށެވެ.
އަހްމަދަކީ ވަރަށް އަޚްލާޤް ރަނގަޅު މީހެކެވެ. ބާރަށް ބަހެއްވެސް ނުބުނާނެއެވެ. އެއްވެސް ކަމަކާއި ޝަކުވާއެއްވެސް ނުކުރާނެއެވެ. ބަރާބަރަށް ނަމާދުވެސް ކުރެއެވެ. އެހެންވެ އެކަންކަމަށް ވިސްނާފައި އަޅުގަނޑުވެސް ރުހުނީމެވެ.
ކައިވެނިކޮށް ދުވަސްކޮޅެއްވީތަނާ ގޭގައި ކުއްޔަށްދީފައި ހުންނަ ކުޑަ ފިހާރަ ހުސްކުރީމާ ކުއްޔަށްދޭން އުޅުމުން އަޅުގަނޑު އެދުނީ އަމިއްލައަށް ފިހާރަ ހިންގުމަށެވެ. ގޭގެ ކަންކަން ކުރަމުންވެސް ބަލަހައްޓާނެ ކަމަށެވެ. ބާޒާރުން މުދައު ގެނެސްދެނިކޮށް ނިމުނީ ކަމަށެވެ. ސޭޓަކު ބައިންދާލަދެނިކޮށް ގޭގެ އެއްވެސް ކަމަކަށްވެސް ދަތިވިއަ ނުދޭނެ ކަމަށެވެ.
އަޅުގަނޑުގެ ހުށަހެޅުން ޤަބޫލުކޮށް ވިޔަފާރިފެށީއެވެ. މިހިނގާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހަކީ ކައިވެންޏަށް 10 އަހަރު ފުރުނު ދުވަހެވެ. އަޙްމަދުގެ ގެ މިހިރީ 6 ބުރީގެ ކޮންކްރީޓް ނިންމައި 4 ބުރި ކޮމްޕްލީޓްކޮށް 2 ބުރި ކުއްޔަށްދީފައެވެ. ތިރީބައިގައި 1000 އަކަފޫޓުގެ ފިހާރައެއް އެބަހުއްޓެވެ. އަޅުގަނޑުގެ މައިންބަފައިންގެ ގޯތިން އަޅުގަނޑަށް ލިބުނު ބިންކޮޅުގައިވެސް މިގެންދަނީ ގެއެއް އަޅަމުންނެވެ.
ދެމީހުންގެ ޢުމުރުތަފާތު ނަމަވެސް ފިރިމީހާ އެކަމެއް އަޅުގަނޑަކަށް ނުދައްކައެވެ. ޒުވާން އަންތބަކުދެކެ ލޯބިވާވަރަށް ލޯބިވެއެވެ. ލޯބިދެއެވެ. އަޅައިލައެވެ. މިހާރު ވަޒީފާއަކަށްވެސް ނުދެއެވެ. ފިހާރައަށް ބާޒާރުކުރަން ދާން ނޫނީ ގެއިން ބޭރަށް އެކަންޏެއް ނުދެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި، ޚާއްޞަކޮށް އަންހެނުންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަނިޔާގައި އުޅެންޖެހުނަސް ތެދުވެރިވެލާށެވެ. ﷲ އަށް ތެދުވެރިނަމަ އުފާވެރިކަން ދެއްވަވާނެތެވެ. ދެވަނަ ކައިވެންޏަށް އަހަރުވީއިރު އަނިޔާވެރިކަމުގައި ހޭދަކުރުންޖެހުނު ކުރީގެ 20 އަހަރުމަތިން ހަނދާނެއްވެސް ނެތެވެ.
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް