އެއަރޕޯޓު ޓެކްސް އަދި ފީއަށް ބަދަލު ގެނެސް، މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެއަރޕޯޓު ޓެކްސް އަދި ފީއަށް ބަދަލު ގެނެސް، މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފި

ދިވެހި ސަރުކާރުން އެއަރޕޯޓު ޓެކްސް އަދި ފީއަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ބަދަލުތަކަށް ޢަމަލުކުރަން ފަށައިފިއެވެ. މި ބަދަލާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ނެގޭނެ އިރު، އެހެން އެއަރޕޯޓުތަކުން ޑިޕާޗަރ ޓެކްސް އެކަނި ނެގޭނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ބަދަލާ ގުޅިގެން ބޭރު މީހުންގެ ޓެކްސް މިންވަރު ވަނީ އިތުރުވެފައެވެ. އިކޮނޮމީ ކްލާހުގެ ފަސިންޖަރުންގެ ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުގެ ފަސިންޖަރުންގެ ޓެކްސް 50 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުގެ ފަސިންޖަރުންގެ ޓެކްސް 90 ޑޮލަރުން 240 ޑޮލަރަށް، އަދި ޕްރައިވެޓް ޖެޓް ފަސިންޖަރުންގެ ޓެކްސް 120 ޑޮލަރުން 480 ޑޮލަރަށް އިތުރުވެފައިވެއެވެ. ނަމަވެސް، ދިވެހި އިކޮނޮމީ ފަސިންޖަރުންގެ ފީއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މިދިޔަ އަހަރު އެއަރޕޯޓު ޑިވެލޮޕްމަންޓް ފީއިން 65.5 މިލިއަން ޑޮލަރު އަދި ޑިޕާޗަރ ޓެކުހުން 64.1 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މި އާ ބަދަލާއެކު އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ އެއަރޕޯޓުތަކުގެ ވަސީލަތްތައް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. 

މިއަދު އޮންލައިން