އެންމެބޮޑު އިސްކަމެއްދިނީ ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް: ޝަމްޢާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެންމެބޮޑު އިސްކަމެއްދިނީ ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް: ޝަމްޢާން

ޤަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ޙައްލުކުރުގައި އެންމެބޮޑު އިސްކަމެއްދިނީ ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމްޢާން ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އިމިގްރޭޝަން ނިޒާމުގެ މައްސަލަތައް ޙައްލުކުރުމާއި، ޚާއްޞަ ސޮފްޓްވެއަރއެއް ތައްޔާރުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ލިބޭނެ ނިޒާމެއް ޤާއިމުކުރެވުނު ކަމަށާއި، 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދިނީ ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް. އަދި ހަމައެއާއެކު، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށްގެން ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށްވެސް މަސައްކަތްކުރެވުނު،" ޝަމްޢާން ވިދާޅުވިއެވެ.

މި މައްސަލަ ޙައްލުކުރުމަށް ކުރެވުނު އިތުރު މަސައްކަތްތަކުގެ ތެރޭގައި ޚާއްޞަ އިންސްޕެކްޝަންތައް ހިންގުމާއި، ބިދޭސީންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރުން ހިމެނޭ ކަމަށް ޝަމްޢާން ހާމަކުރެއްވިއެވެ. އަދި ބިދޭސީންގެ ބައޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ޤަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ. ނަމަވެސް، މި މައްސަލަ އެއްކޮށް ޙައްލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން