އެމްޕީއެލްއިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލް ތަރައްޤީކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެމްޕީއެލްއިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލް ތަރައްޤީކުރަން ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހއ. އުލިގަމް، ލ. ފޮނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި މާލޭގައި ކުރޫޒް ޓާމިނަލްތައް ޤާއިމްކުރެވޭނެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި އެމްޕީއެލްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ކުރެވެމުންދަނީ ގްރީސްގެ ކޮންސަލްޓެންޓެއް މެދުވެރިކޮށެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފީސިބިލިޓީ ދިރާސާ ނިންމައި، އެ އަހަރުގެ ފުރަތަމަ ކުއާޓަރގައި މަޝްރޫޢުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްފަހު، މިހާރުގެ ވިޔަފާރި ބަނދަރު ސަރަޙައްދުގައިވެސް ކުރޫޒް ޓާމިނަލެއް ތަރައްޤީކުރެވޭނެ ކަމަށް އަނިލް އާދަމް ހާމަކުރެއްވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ކުރޫޒް ލައިނަރތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ކުރޫޒް ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ސަރަޙައްދުތަކުގައި އިޤްތިޞާދީ ކުރިއެރުން ލިބޭނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން