މާލެ ސަރަހައްދުގައި 13,000 ހައުސިންގ ޔުނިޓް އަޅަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މާލެ ސަރަހައްދުގައި 13,000 ހައުސިންގ ޔުނިޓް އަޅަނީ

މާލެ ސަރަހައްދުގައި 13,000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައި، ބޭރުގެ ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ސްރީލަންކާގެ ކުންފުންޏަކާއެކު 3,000 ޔުނިޓް އަދި އިތުރު ދެ ކުންފުންޏަކާއެކު 10,000 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެފްޑީސީން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ބޭރުން ލޯނު ނަގައިގެންނެވެ. އަދި މި މަޝްރޫޢުތަކުގެ ތަފްސީލް ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ހުށަހަޅައި، ހަތަރު މަސްދުވަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫޢުތަކާއެކު، މިހާރު ހުޅުމާލޭގައި ހިނގަމުންދާ 4,000 ޔުނިޓްގެ މަޝްރޫޢު ފުރިހަމަވުމުން، ޖުމްލަ 17,000 ހައުސިންގ ޔުނިޓް މާލެ ސަރަހައްދުގައި އިތުރުވެގެންދާނެއެވެ.

އެފްޑީސީގެ ސީއީއޯ އަހްމަދު ސަޢީދު ވިދާޅުވީ، "ބޯހިޔާވަހިކަމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމަށް. އެއީ ފަސް އަހަރު ނިމޭއިރު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުން."

ސަރުކާރުން މި ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ހާމަވަނީ އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާ ކަމުންނެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން