ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: ފަސްވަނަ ޙާފިޡަކަށް ފުރުސަތު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: ފަސްވަނަ ޙާފިޡަކަށް ފުރުސަތު ދީފި

ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އިތުރު ޙާފިޡަކަށް ފުރުސަތު ދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5 ޙާފިޡުންނަށް ފުރުސަތު ދެއްވާފައިވާއިރު، 5 ވަނަ ފުރުސަތު ދެއްވާފައިވަނީ އަލްޙާފިޡާ ޝަބީނާ އާދަމް،(އަސްވާޑް، ގއ. ދެއްވަދޫ) އަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ފުރުސަތު ދެއްވާފައިވަނީ އަލްޙާފިޡް އަލީ ރައީފްއަށާއި، އަލްޙާފިޡް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުޙައްމަދު އަދި އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީ އަށެވެެ. ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުން ލިބިލައްވާ އެހީތެރިކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފައްޓަވާންމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޙާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން