މަސްތުވާތަކެތީގެ މައްސަލައަކީ މޫލާފައިވާ މައްސަލައެއް، ނަމަވެސް މި ދައުރުގެ ތެރޭގައި މި މައްސަލައަށް ބޮޑު ހައްލެއް ފުލުހުންގެ މުއައްސަސާއިން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްވައިފިއެވެ.
މި ޔަގީންކަން ސީޕީ ދެއްވީ ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތުން ހާސިލްކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މޫލާފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ ސީޕީ ޝުޖާޢު ވަނީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ދުވަސްތަކެއް ނަގާނެ ކަމަށާއި ނަމަވެސް ފުލުހުންގެ މުއައްސަސާއިން މި މައްސަލަ ހައްލުކުރުމަށްޓަކައި މި ދައުރުގައި ގިނަ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
"އެއީ އަޅުގަނޑުމެންގެ ރިސޯސެސްތައްވެސް މިހާރު އެދިމާތަކަށް އިތުރުކޮށް މާލެ އަދި ހުޅުމާލޭގެ އިތުރުން އާބާދީ ބޮޑެތި ހުރިހާ ރަށަކަށްވެސް މަސްތުވާތަކެތީގެ މައްސަލަ ބޮޑެތި ރަށްރަށަށް ވަކިން ޚާއްސަ ސަމާލުކަމެއްދީގެން އޮޕަރޭޝަން ޓީމުތަކެއް ހަދައިގެން އަޅުގަނޑުމެން އެކަންކުރާ މީހުންނަށް އެކަން ކުރުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. އެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ޑްރަގަކީ ރާއްޖެއަށް ތަފާތު އެކި ގޮތްގޮތަށް އެތެރެކުރާ އެއްޗެއްކަމުން ހޯމް ޓީމުންގެ އެކި މުއައްސަސާތަކުން ކުރާ މަސައްކަތަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ޑްރަގުގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުންގެ މައްސަލަ ބަލަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
މީގެ އިތުރުން ސީޕީ ވަނީ ފުލުހުންނަކީ ޕްރޮފެޝަނަލް ބައެއްކަން ފާހަގަކުރައްވާ ފުލުހުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލަނީ އެކަމަށް އޮންނަ ކޮމާންޑަކުން ކަމަށްވެސް ވިދާޅުވެފައެވެ.
ފުލުހުންގެ ތެރޭގައި ހެދިފަ ހުރި އުސޫލުތަކާ ޚިލާފަށް ކަންކުރާ ފުލުހުން ލައްވާ މަސައްކަތް ކުރުވުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ފުލުހުން، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ވަނީ ދެއްވާފައެވެ.
ސީޕީ ވިދާޅުވީ މިދިޔަ އެއް އަހަރުގެތެރޭ ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ރައްޔިތުންގެރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ފެންނަ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެކަން ގިނަ އަދަދެއްގެ ރައްޔިތުން ބަލައިގެންފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ހަބަރު: ސަރުކާރު