ކެންސަރު ބަލިމީހަކަށް އެހީ ނުދިންކަމުގެ ޚަބަރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޮގުކޮށްފިއެވެ. އެންސްޕާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބަލިމީހާއަށް 9 ފަހަރު އެހީއަށް އެދުމުން، ކޮންމެ ފަހަރަކުވެސް އެހީ ދީފައިވާ ކަމަށެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި، އެ ބަލިމީހާއަށް އެހީގެ ގޮތުގައި 200-250 އެމެރިކާ ޑޮލަރަށްވާ ދިވެހި ރުފިޔާގެ އިތުރުން ޓިކެޓް ފައިސާވެސް ދީފައިވެއެވެ. ނަމަވެސް، ކުރީގެ ސަރުކާރުން 1000 އެމެރިކާ ޑޮލަރު ދިންކަމަށް ބުނާ ވާހަކަ ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ނެތްކަން އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.
އެންސްޕާއިން ބުނެފައިވަނީ ލިޔެކިޔުމެއް ނެތި ފައިސާ ދޫކޮށްފައިވާނަމަ، އެއީ އުސޫލާ ޚިލާފު ކަމެއް ކަމަށާއި އަބަދުވެސް މަސައްކަތްކުރަނީ ހަމަހަމަކަމާއެކު، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.