ފަޤީރު ނިކަމެތިންނަކީ މާދަށުދަރަޖައިގެ ބައަކުކަމަށް ވިސްނުމަކީވެސް އެމީހަކަށް ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއްކަން އެނގޭ އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ފަޤީރު ނިކަމެތިންނަކީ މާދަށުދަރަޖައިގެ ބައަކުކަމަށް ވިސްނުމަކީވެސް އެމީހަކަށް ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއްކަން އެނގޭ އަގުހުރި ފިލާވަޅެއް!

އޮފީހުގެ ވެރިޔާ އޮފީހަށް އައިސް އޭނާގެ ސެކެޓްރީ ގާތުގައި އެދުވަހު 2 އަންހެނަކު އޭނާއާއި ބައްދަލުކުރަން އަންނަނާނެ ކަމަށާއި އެމީހުންނަށް ހެޔޮކޮށް ހިތައި 2 އަންހެނުންވެސް އޭނާ އާއި ހަމައަށް ފޮނުވައިދޭން ބުންޏެވެ. އެކަކީ އޭނާގެ އަނބިމީހާއެވެ. ދެވަނަ އަންހެނަކީ މަސައްކަތު އަންހެނެއްގެ ވަޒީފާ ހޯދަން އަންނަ އަންހެނެކެވެ. 

ފުރަތަމަ އައީ ވަރަށް ބައުހެދުމެއް ލައިގެން ކުޑަކުއްޖަކުވެސް އުރައިގެންހުރި އަންހެނެކެވެ. އޭނާ ފެނުމުން ސެކެޓްރީއަށް ޤަބޫލުކުރެވުނީ އެއީ މަސައްކަތު އަންހެނެއްގެ ވަޒީފާ ހޯދަން އައި އަންހެންމީހާ ކަމަށެވެ. ދަރިފުޅު ގޮވައިގެން ހުރުމުން އިތުރަށް ރުޅިގަދަވިއެވެ. ތިއައައީ ވަޒީފާ ހޯދަންތޯ ސުވާލުކުރުމުން އޭނާ ބުނީ އައީ ވަޒީފާ ހޯދަން ކަމަށެވެ. 

ވެރިމީހާ ބުނި ބަސް ހަނދާން ނައްތާލައި އޭނާއަށް އެއްޗެތި ގޮވައި ހުސްވަޒީފާއެއް ނެތްކަމަށް ބުންޏެވެ. އަދި އެއްވެސް ގޮތެއް ހުރި އަންހެނަކު ވަޒީފާ ހޯދަން އަންނައިރު ދަރިފުޅު ނުގެންނާނެކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ މިއަދު މިއައީ މަސައްކަތު ނޫންކަމަށާއި ހަމައެކަނި ވެރިމީހާއާއި ބައްދަލުކޮށްލަން ކަމަށްވީމާ ދަރިފުޅު ގެނައުމަކީ މައްސަލައެއްކަމަށް ނުދެކޭ ކަމަށެވެ. 

އެވަގުތު ދަރިފުޅު ރޯންފެށުމުން ގާތުން ދިނުމުގެ ވަޤުތު ޖެހުނީކަން އެނގި އޭނާ ގޮނޑިއެއްގައި އިށީނދެފައި ގާތުންދޭން ފެށުމުން ސެކެތްރީ އިތުރަށް ރުޅިގަދަވިއެވެ. އެއްޗެތި ގޮވަމުންގޮސް ބޯންގެންގުޅުނު ފެންފުޅި ދެމައިންގެ ގައަށް އަޅާލާފައި މިއީ ގާތުން ކިރުދޭ މައިންގެ ޖަގަހައެއް ނޫންކަމަށްބުނެ ވަޤުތުން އެތަނުން ނުކުންނަން ބުންޏެވެ. 

އެކަން ހިނގަމުން ދަނިކޮށް 2 ވަނަ އަންހެންމީހާ އަތުވެއްޖެއެވެ. އޭނާހުރީ ވަރަށް ރީތިކޮށް ހެދުންލައިގެންނެވެ. ވެރިމީހާ އާއި ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އެއީ އަނބިމީހާ ކަމަށް ހީކޮށް ވަރަށް އިޙްތިރާމްކުރިއެވެ. 

އައި އަންހެންމީހާ އިސްކަންދިނީ އެއިރު އަނިޔާލިބެމުންދިއަ އަންހެންމީހާއަށެވެ. އޭނާއަށް ހިތްވަރުދީ އެހީތެރިވުމަށެވެ. އޭނާ އާއި ސުވާލުކުރުމުން އޭނާއާއިމެދު ސެކެޓްރީ ކަންކަން ކުރިގޮތް ކިޔައިދިނުމުންވެސް ސެކެޓްރީ ފެށީ އޭނާއަށް އެއްޗެތިގޮވާށެވެ. 

އެކަން ހިނގަމުން ދަނިކޮށް ވެރިމީހާއަށް އައުދެވުމުން މަންޒަރުފެނި ވެގެން އުޅޭގޮތަކާއިމެދު ސުވާލުކުރުމުން ސެކެޓްރި ކަންކަން ކުރިގޮތް 2 އަންހެނުން ކިޔައިދިނެވެ. 

ވެރިމީހާ ވަރަށް ދެރަވެފައި ހުރެގޮސް އަނބިމީހާގެ ގައިގައި ބައްދާލާފައި މާފަށް އެދުނެވެ. ދަރިފުޅު އުރާލައި ބޮސްދިނެވެ. ސެކެޓްރީއަށް ކަންކަން މިވީ ގޮތް ވިސްނި ވެރިމީހާގެ ކިބައިން މާފަށް އެދުނެވެ. ވެރިމީހާ އޭނާއަށް މާފުކުރިއެވެ. ނަމަވެސް އިންސާނިއްޔަތުކަމެއް ނެތީމާ ވަޤުތުން ވަޒީފާއިން ވަކިކުރިއެވެ. 

އަދި މަސައްކަތު އަންހެނެއްގެ ވަޒީފާ ހޯދަން އައީވެސް ކިޔަވައިގެން ހުރި އަންހެނަކަށްވުމުން ސެކެޓްރީގެ ވަޒީފާދިނެވެ. އެއީ އޭނާއަށް ވަޒީފާގެ އިންޓަރވިޔުއަށްވުރެ ހިތުގައި ޖެހި އަނިޔާލިބެމުން ދިއަ އަންހެނަކަށް އެހީތެރިވުން މުހިންމުވެ އެކަމަށް ސަމާލުކަން ދިނީތީއެވެ. ވަޒީފާގެ ތަޖުރިބާއަށްވުރެ އަޚްލާޤް މުހިންމު ވީމައެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމަކަށްވީނަމަވެސް މިއީ ހަމަ މިރާއްޖޭގައިވެސް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ވަޒީފާ ލިބުމުން ފައިސާ ލިބޭތީ ނުވަތަ ތަނަވަސްކަން ހުރުމުން ރީތި ހެދުން ލެވޭނަމަ ބައުފޭރާންލައި ނިކަމެތިކޮށް ތިބޭ އަންހެނުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކެގެން އެއްޗެތި ގޮވުން ފަދަ ކަންކަން ކުރެއެވެ. މަލާމާތާއި ފުރައްސާރަކުރެއެވެ. ދެރަކޮށް ނިކަމެތިކުރެއެވެ. 

އަޅުގަނޑަކީ  ކުދިންބަލާ އެކަނިވެރިމައަކީމެވެ. އެހެންވެ އަގުބޮޑުފޭރާން ނުލިބޭތީ އޮފީހުގެ މުވައްޒިފުން އަޅުގަނޑާއިމެދު ދެކެނީ ވަރަށް ދަށުދަރަޖައިގެ އަންހެނެއްގެ ގޮތުގައެވެ. އެމީހުންނަށް އަޅުގަނޑުގެ ޙާލު އެނގޭއިރުވެސް އެހީތެރިވުމުގެ ބަދަލުގައި ބުނާބަސްތަކާއި ކުރާ ޢަމަލުތަކުން ކޮންމެ ދުވަހަކުހެން ދެނީ އަނިޔާއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާމިކުރީ ވާހަކައިގައި އަނިޔާ ލިބުނު ފަދައިން އަޅުގަނޑަކީވެސް ހަމައެއަނިޔާގައި ދިރިއުޅެން ޖެހިފައިވާ އަންހެނަކަށްވުމުންނެވެ. ކިޔުންތެރިންނަށް ފައިދާހުރި ފިލާވަޅަކަށްވާނެ ކަމުގެ އުންމީދުގައެވެ. 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން