ދަރިފުޅު ކައިވެނިކޮށްގެން ގެނައި ތަނަވަސް އަނބިމީހާ އިންތިހާއަށް ހެޔޮއިރުވެސް އަވަހަށް މަރާލައި ޢޭނާގެ ތަނަވަސްކަމަށް ވެރިވެގަންނަން އުޅުނު މައިދައިތައަކަށް ޖެހުނު ހިތްދަތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދަރިފުޅު ކައިވެނިކޮށްގެން ގެނައި ތަނަވަސް އަނބިމީހާ އިންތިހާއަށް ހެޔޮއިރުވެސް އަވަހަށް މަރާލައި ޢޭނާގެ ތަނަވަސްކަމަށް ވެރިވެގަންނަން އުޅުނު މައިދައިތައަކަށް ޖެހުނު ހިތްދަތި ޙާލުގެ ވާހަކަ-

ފިރިހެން ދަރިފުޅު ކައިވެނިކޮށްގެން ގެއަށް ގެނައީ ވަރަށް ތަނަވަސް އަންހެނެކެވެ. އަޚްލާޤްވެސް ވަރަށް ރަނގަޅެވެ. މައިދައިތައަށް ވަރަށް ހެޔޮކޮށްވެސް ހިތައެވެ. އަދި އެއީ ދީލަތި އަންހެނަކަށްވުމުން ގޭގެ ކަންކަމަށް ޚަރަދުކުރެއެވެ. އެއިގެ އިތުރުން ފިރިމީހާގެ މަންމަ ކަމަށްވުމުން އަމިއްލަ މަންމަކަމަށް ދެކި މަންމަ ބޭނުންވާހައި އެއްޗެއް ގަނެދެއެވެ. ކިތަންމެ އަގު ބޮޑު ގަހަނާއެއް ނަމަވެސްމެއެވެ.  

އެވަރަކުންވެސް މައިދައިތަގެ ހިތެއް ނުފުރުނެވެ. ވިސްނަމުން ދިއައީ އޭނާ އަވަހަށް މަރާލައި އޭނާގެ ތަނަވަސްކަން އަމިއްލަ ދަރިފުޅަށް ބަދަލުކޮށްލެވިދާނެ ގޮތަކަށެވެ. އެވިސްނުމުގައި ހުއްޓައި ދަރިފުޅުގެ އަނބިމީހާއަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޑޮކްޓަރުން ތުހުމަތުކޮށް ބައެއް ތަކެތި ނުކާން ބުނެފިއެވެ.  

އެކަން އެނގުމާއިއެކު ކުރަންފެށިކަމަކީ މަނާކުރި ތަކެތި ސިއްރުން އަޅައިގެން ކާތަކެތި ތައްޔާރުކުރަން ފެށުމެވެ. އެގޮތަށް ކަންތައް ކުރަން ފެށިތާ ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެއްރޭ ކުއްލިއަކަށް މައިދައިތަގެ ޙާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހެދި ޓެސްޓްތަކުން އެނގުނީ ފިރިމީހާގެ އަނބިމީހާއަށް ޖެހިފައިވާ ބަލި މާބޮޑަށް މަންމައަށް ޖެހިފައިވާ ކަމެވެ.  

އެހިސާބުން އެއަންހެންމީހާއަށް ވިސްނުނެވެ. ދަރިފުޅު އަވަހަށް މަރާލަން ކުރި މަސައްކަތުގެ ސަބަބުން ކުރިން ދުނިޔެ ދޫކުރަން މިޖެހުނީ ތިމަންނައަށްތާއެވެ. އެހެންވެ ވަރަށް ދެރަވެފައި އޮވެގެން އޭނާއަށް ކުރެވުނު ކުށް ދެދަރިންނަށް ކިޔައިދީ މާފަށް އެދުނެވެ. ހިތްހެޔޮކޮށްދިނުމަށްވެސް އެދުނެވެ.  

ދަރިފުޅުގެ އަންހެނުން ޖަވާބު އެނގޭހެއްޔެވެ؟ "ކުރެވުނު ކަމެއް ތިއަވަނީ ކުރެވިފައެވެ. އެކަން އެނިމުނީއެވެ. އަހުރެން މާފުކޮށްފީމެވެ. އަދި ބޭސްފަރުވާއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއްވެސް ކޮށްދޭނަމެވެ. ވަރިއެއްވެސް ނުވާނަމެވެ. މިބާވަތުގެ ކޮންމެ ކަމަކުންވެސް މިއެނގެނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރެ އެކަލާނގެ ޙަޟްރަތުން ވާގިއެދޭމީހާ ކޮންމެ ނުރައްކަލަކުންވެސް ސަލާމަތްކުރައްވަވާނެ ކަމެވެ. ވީމާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ. އުންމީދުކުރަނީ ޝިފާ ލިބިގެން އަވަހަށް ގެއަށް ދެވުމަށެވެ."  

މިއީ އަޅުގަނޑު ފިލްމެއްގެ މުހިންމު ނުކުތާއެވެ. މައިގަނޑެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އަޅުގަނޑަކީވެސް ހަމަ މިބާވަތުގެ މައިދައިތަ އަކާއިއެކު އުޅެންޖެހިފައިވާ އަންހެނަކަށްވާތީއެވެ. އަޅުގަނޑާއި ޖައްސާލައިގެން އުޅެނީ އަޅުގަނޑު ފަޤީރުވީމައެވެ. ތެޅިފޮޅެނީ އަލުގަނޑު ބޭރުކޮށްލައި ތަނަވަސް އަންހެނަކާއި ފިރިމީހާ ކައިވެނިކުރުވުމަށެވެ.  

އުންމީދުކުރަނީ ކުރުނަމަވެސް މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.

 

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން