ޗައިނާ ސަރުކާރުން ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޗައިނާ ސަރުކާރުން ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ކ. ގުރައިދޫއަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. 

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވާންގ ލިޒިން އާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބައިވެރިވެ ވަޑައިގަތެވެ. ޗައިނާގެ ސަފީރުގެ ޚާއްސަ އިސްނެންގެވުމަކަށް އެރަށަށް ހަދިޔާކުރެއްވި މި މަގުބައްތިތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ނައިބު ވަޒީރު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ދަތިތަކަށް ޙައްލު ހޯދަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޗައިނާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއިން އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަން ޤަބޫލުކުރާކަމާއި، ކައުންސިލްތަކުގެ ދަތިތަކަށް އިސްކަންދޭކަން ވެސް ފާހަގަކުރެއްވިއެވެ.

ޗައިނާ އެމްބަސީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ގުރައިދޫ ކައުންސިލަށް ހަދިޔާކުރި މަގުބައްތިތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދެއެވެ. އަދި މިމަހު ފަހުކޮޅު ނުވަތަ ޖެނުއަރީ މަހުގެ ކުރީކޮޅު މި ބައްތިތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

މި ހަދިޔާއަކީ ގުރައިދޫގެ މަގުތައް އަލިކޮށް، ރޭގަނޑު ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ރަށުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މިއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.                     

މިއަދު އޮންލައިން