ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ހިންގުން އަނބުރާ އެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ އާއި ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވެއެވެ.
އޮޅުހިޔާއަކީ މާލެ ސަރަހައްދުގެ ވީއްލިފައިވާ ބުޅާތައް ބެލެހެއްޓުމަށް ހަދާފައިވާ ތަނެކެވެ. މި ތަން ތަރައްޤީކޮށް ހިންގުމުގެ މަސްއޫލިއްޔަތު ކުރިން ހަވާލުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލާއެވެ. ނަމަވެސް، ވުޒާރާއިން ބުނާ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ކައުންސިލުން ޢަމަލުނުކުރާތީ، އޮޅުހިޔާގެ ހިންގުން އަނބުރާ ވުޒާރާއާ ހަވާލުކުރުމަށް ނިންމާފައިވެއެވެ.
މިކަމާ ގުޅިގެން ވުޒާރާއިން ވަނީ މާލެ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އަދި މީގެ ކުރިން ވުޒާރާއިން ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، ކައުންސިލުން އެ ފަރާތުގެ ޒިންމާތައް އަދާނުކުރާކަން ފާހަގަކޮށްފައެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ސިޓީ ކައުންސިލުން ބުޅާތައް "އޮޅުހިޔާ" އަށް ގެންދަން ނިންމި ނަމަވެސް، ވުޒާރާއިން ދިން އެސްއޯޕީތަކާއި ލަފާތަކަށް ކައުންސިލުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އެސްއޯޕީތަކަށް ޢަމަލުނުކޮށް ބުޅާތައް ގެންދިއުމުން ބުޅާތަކުގެ ޞިއްޙަތަށް ގެއްލުންވެދާނެކަމަށް ވުޒާރާއިން ވަނީ އިންޒާރުދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.