މޯލްޑިވިއަން އެއަރލައިން ޖެނުއަރީމަހު ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މޯލްޑިވިއަން އެއަރލައިން ޖެނުއަރީމަހު ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށަނީ

މޯލްޑިވިއަން އެއަރލައިން އަންނަ އަހަރުގެ ޖެނުއަރީމަހު ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މޯލްޑިވިއަން ފައިދާ ލިބޭ އެއަރލައިނަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން 264 ގޮނޑީގެ އެއަރބަސް އޭ330-200 ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެވޭނެ ކަމަށެވެ. މި މަތިންދާބޯޓުގައި ތިން ކުލާހެއް ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކީ ބޭރު އެއަރލައިންތަކުގެ މެދުގައި މަޤްބޫލް މަންޒިލެއް. އަދި ޤައުމީ އެއަރލައިނަށް މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރި،" ވަޒީރު އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަން އެއަރލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށާއި، ފަހުން ޔޫރަޕް އަދި ސައުތު އެފްރިކާއަށްވެސް ދަތުރުތައް ފެށޭނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. މީގެ އިތުރުން، ޤައުމީ އެއަރލައިންއަށް އަމިއްލައަށް ފަތުރުވެރިން ގެނެވޭނެކަމުގެ އުންމީދު އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއަދު އޮންލައިން